ޒުވާނުންގެ އެވޯޑަށް ނަން ހުށަހަޅަން އަލުން ހުޅުވާލައިފި

ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ  ޒުވާނުންގެ އެވޯޑަށް ނަން ހުށަހަޅަން އަލުން ހުޅުވާލައިފިއެވެ.

މި އިނާމަކީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދޭ އިނާމެކެވެ.

ޒުވާނުންގެ އެވޯޑް ދިނުމަށް ޖަލްސާ ބޭއްވުމަށް ކުރިން ނިންމާފައި އޮތީ މިދިޔަ މަހުގެ 12 ގައެވެ. ނަމަވެސް ޔޫތް މިނިސްޓްރީން ވަނީ އެ ޖަލްސާ ފަސްކޮށްފައެވެ.

ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލާފައިވާއިރު ޒުވާނުންގެ އެވޯޑުގެ ގޮތުގައި ތަފާތު 17 ދާއިރާއަކުން އިނާމު ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

މި އިނާމަށް ނަން ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކުން، އަލުން ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 14:00 ހަމައަށް ހުޅުވާލާފައެވެ.

އެޕްލިކޭޝަން ބަލައިގަތުން ހަމަޖެހިފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 14:00 އަށެވެ. ރަށްރަށުން އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން މިނިސްޓްރީގެ މެއިލް info@youth.gov.mv މެދުވެރިކޮށް ހުށަހެޅޭނެއެވެ.

އެޕްލިކޭޝަން ހުށަހަޅާނީ ގޫގުލް ލިންކް ނުވަތަ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް (ސޯޝަލް ސެންޓަރ) އިންނެވެ.