ޒުވާނުންގެ ބޯޑާ އެކު އުފަންވަނީ އާ ރަނގަޅު ޖީލެއް: މިނިސްޓަރ

ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީއާއެކު އުފަންވަނީ އާ ރަނގަޅު ޖީލެއް ކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް، އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ، ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު، ޒުވާނުންނަށް ހާއްސަކޮށް މިނިސްޓްރީއެއް އުފައްދަވާ، ސަރުކާރުން ކުރާ ކަންކަމުގައި ޒުވާނުންގެ ބަސް ހިމެނޭނެ މަގުފަހިކޮށްދެއްވާފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ބޯޑަށް ގުޅުންހުރި ހުރިހާ ކަމެއްގައި ރައީސްއަށް ލަފާ އެރުވޭނެ ކަމަށާއި ޒުވާނުންނާ ނުވަތަ ގައުމުގެ މުސްތަގުބަލާ ގުޅޭގޮތުން ރައީސް ދައްކަވާ ވާހަކަފުޅުތަކަށް ޒުވާނުންގެ ބޯޑަށް ބަސް ބުނެވޭނެ ކަމަށެވެ.

ޒުވާނުންގެ ބޯޑުގައި ހިމެނޭނީ ގައުމުގެ ކަންކަމުގައި އިސްކޮށް ތިބޭނެ ލީޑަރުން ކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، މި ލީޑަރުންގެ ފަރާތުން އިތުރު ޒުވާނުންތަކެއް ތަމްރީނުވެ، ޒުވާން ރަނގަޅު ޖީލެއް އުފެދޭނެ ކަމަށެވެ.

"އަޅުގަނޑު އެދެނީ ދިވެހި ޒުވާނުންނަކީ އެމީހުންގެ ކަންކަން ހައްލުކުރެވޭ ބާރުވެރި، ކާމިޔާބު ބަޔަކު ކަމުގައި ވުމަށް. ޒުވާނުންގެ އުންމީދާއި ހަކަތައާއި ތޫނު ވިސްނުމުގެ ހެޔޮ ނަތީޖާއިން ދިވެހި ގައުމަށް އަދަށްވުރެ ފަހި އަބަށް ފެހި މުސްތަގުބަލެއް ހޯއްދަވައިދެއްވުމަށް. އަދުގެ ޒުވާނުންނަކީ މާދަމާ މިގައުމާ ހަވާލުވެ ގައުމު އެދޭގޮތަށް ގައުމާއިގެން ކުރިއަށް ދިއުމުގެ ގާބިލުކަން ލިބިފައިވާ ޒިންމާ އަދާކުރެވޭ ކާމިޔާބު ބަޔަކު ކަމުގައިވުމަށް." މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީގެ މަގްސަދަކީ، ސަރުކާރުގެ މެނިފެސްޓޯއާއި، މުހިންމު ސިޔާސަތުތައް ތަންފީޒުކުރުމުގައި، ޒުވާނުންގެ ހިޔާލާ މަޝްވަރާ ހޯދައި، މިފަދަ ކަންކަމުގައި ކުރިއަށްދާންވީ ގޮތްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމެވެ.

މީގެ އިތުރުން ތަފާތު އެކި ދާއިރާތަކުގައި ޒުވާނުންގެ ކުރިއެރުމަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ޤައުމީ ފެންވަރުގައާއި ސަރަހައްދީ ފެންވަރުގައި، ޙައްލު ހޯދުމަށް، މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުމަކީ ވެސް މި ކޮމިޓީގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ޒުވާނުންނާ ގުޅޭ ކަންކަމުގައި ޒުވާނުން ގޮތް ނިންމާ، ޒުވާނުންނަށް އަދާއި މާދަމާވެސް ޤައުމުގެ އިސް ސަފުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ސަރުކާރުން ފަހިކޮށްދީ، ޒުވާނުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ހަރުދަނާ ޒުވާނުންގެ ޖީލެއް ބިނާކުރުމަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނި، ހާއްސަ އަހަންމިއްޔަތުކަމެއް ދީގެން މި ސަރުކާރުން ކުރައްވަމުން އަންނަ މަސައްކަތެކެވެ.

"ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަސް" ބޯޑު އެކުލަވާލައްވާފައިވަނީ 18 ޖަނަވަރީ 2024 ގައެވެ. މި ބޯޑުގައި ތިއްބަވާނީ 15 މެންބަރުންނެވެ. އަދި ގިނަ ޒުވާނުންނަށް މި ބޯޑުގައި ބައިވެރިވުމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން، ރިޔާސީ ދައުރެއްގައި 2 ފަހަރު ބޯޑު އެކުލަވާލުމަށް ވަނީ ނިންމަވާފައެވެ.

މި ބޯޑަކީ ރައިސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށް އެކުލަވާލާ ބޯޑަކަށްވުމުން، މި ބޯޑުގެ ސެކްރެޓޭރިއޭޓް ބަލަހައްޓާނީ ޔޫތު މިނިސްޓްރީއިންނެވެ.