ރައީސުލްޖުމްހޫރިއްޔާ، "ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ" އިފްތިތާހުކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު "ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ" އިފްތިތާހުކޮށްދެއްވައިފިއެވެ.

މި ކޮމިޓީ އިފުތިތާހުކޮށްދެއްވީ މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައެވެ.

ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީގެ މަގްސަދަކީ، ސަރުކާރުގެ މެނިފެސްޓޯއާއި، މުހިންމު ސިޔާސަތުތައް ތަންފީޒުކުރުމުގައި، ޒުވާނުންގެ ހިޔާލާ މަޝްވަރާ ހޯދައި، މިފަދަ ކަންކަމުގައި ކުރިއަށްދާންވީ ގޮތްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމެވެ.

މީގެ އިތުރުން ތަފާތު އެކި ދާއިރާތަކުގައި ޒުވާނުންގެ ކުރިއެރުމަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ޤައުމީ ފެންވަރުގައާއި ސަރަހައްދީ ފެންވަރުގައި، ޙައްލު ހޯދުމަށް، މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުމަކީ ވެސް މި ކޮމިޓީގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ޒުވާނުންނާ ގުޅޭ ކަންކަމުގައި ޒުވާނުން ގޮތް ނިންމާ، ޒުވާނުންނަށް އަދާއި މާދަމާވެސް ޤައުމުގެ އިސް ސަފުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ސަރުކާރުން ފަހިކޮށްދީ، ޒުވާނުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ހަރުދަނާ ޒުވާނުންގެ ޖީލެއް ބިނާކުރުމަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނި، ޚާއްޞަ އަހަންމިއްޔަތުކަމެއް ދީގެން މި ސަރުކާރުން ކުރައްވަމުން އަންނަ މަސައްކަތެކެވެ.

"ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަސް" ބޯޑު އެކުލަވާލަލައްވާފައިވަނީ 18 ޖަނަވަރީ 2024 ގައެވެ. މި ބޯޑުގައި ތިއްބަވާނީ 15 މެންބަރުންނެވެ. އަދި ގިނަ ޒުވާނުންނަށް މި ބޯޑުގައި ބައިވެރިވުމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން، ރިޔާސީ ދައުރެއްގައި 2 ފަހަރު ބޯޑު އެކުލަވާލުމަށް ވަނީ ނިންމަވާފައެވެ.މި ބޯޑަކީ ރައިސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށް އެކުލަވާލާ ބޯޑަކަށްވުމުން، މި ބޯޑުގެ ސެކްރެޓޭރިއޭޓް ބަލަހައްޓާނީ ޔޫތު މިނިސްޓްރީއިންނެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީގެ މެންބަރުންނަށް ބެޖު ހަވާލުކޮށްދެއްވާފައެވެ.