ޒުވާނުންގެ ބަސް އިއްވުމަށް އެއްވެސް ލިމިޓެއް ނޯންނާނެ: ރައީސް

މި ސަރުކާރުގައި ޒުވާނުންނަށް ބަސް އިއްވުމަށް އެއްވެސް ލިމިޓެއް ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ އިފުތިތާހު ކުރުމަށް ފަހު، ރައީސް އޮފީހުގައި ބޭއްވި އެ ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވަނީ ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ އެކުލަވާލެއްވުމުގެ މައިގަނޑު މަގުސަދުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން ގައުމުގެ އާބާދީގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރާ ބަޔަކީ ޒުވާނުން ކަމަށާއި ޒުވާނުންގެ ފަރާތުން ޤައުމެއް އަދި ސަރުކާރެއް ހިންގުމުގައި އަދި ދަޢުލަތުގެ އެހެން ހުރިހާ ކަމެއްވެސް ބައްޓަންކުރުމުގައި ބަސްބުނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ.

އަދި މިފަދަ މަސައްކަތެއް ފެށިގެން ދިއުމުން ޒުވާނުންގެ ފަރާތުން އެ ޒުވާނުންގެ ވިސްނުން ހިއްސާކޮށް، ކަންކަމުގައި ފެންނަގޮތް ހިއްސާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބާރުއެޅުއްވިއެވެ.

ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ އިފްތިތާހްކުރައްވާފައިވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިކަމަށްޓަކައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ކޮމިޓީގެ މެންބަރުންނަށް ބެޖު ހަވާލުކޮށްދެއްވާފައެވެ.