"ގާބިލް ދިވެހި ޒުވާނުން އެބަތިބި، އަޅުގަނޑު މިހުރީ  ޒުވާނުންނާއެކު އެގޮތުގައި"

ގާބިލް ދިވެހި ޒުވާނުން އެބަތިބި ކަމަށާއި، ޒުވާނުންނާއެކު އެގޮތުގައި ހުންނަވާނެ ކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް، އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ، ޒުވާން އުމުރަކީ ތަޖުރިބާކުރުމުގެ އުމުރު ކަމަށާއި އަދި ހޯދުންތަކާއި ހަލުވިކަމުގެ އުމުރު ކަމަށެވެ. މި ހަގީގަތަށް ބިނާކޮށް ތަޖުރިބާގެ ފުރުސަތު ރާއްޖޭގެ ޒުވާނުންނަށް ހޯދައިދިނުމަށް ރޭވި ތަރުތީބުވެގެންވާ ޕްރޮގްރާމްތަކެއް ހިންގަވާނެ ކަމަށެވެ.

"ދިވެހި ޒުވާނުން ހަވާސާވީ ދުވަސް ނޮވެމްބަރު 17، 2023 ގައި މާޒީވެއްޖެ. އަޅުގަނޑުމެންގެ އަމާޒަކީ މަސައްކަތާއި ހުނަރުގެ ތެރެއިން ޒުވާނުން ވަޒީފާއަށް ނެރުން. ވަޒީފާއެއް އަދާކުރަން ބޭނުންވާ ކޮންމެ ދިވެހި ޒުވާނަކަށް، އެޒުވާނެއްގެ ތަޢުލީމާއި ތަޖުރިބާ އަދި ހުނަރާ އެކަށޭނަ، ރަނގަޅު އާމްދަނީއެއް ލިބޭ އަދަދަށް، 5 އަހަރުގެ ތެރޭގައި، ވަޒީފާގެ ބާޒާރު އަޅުގަނޑުމެން ފުޅާކުރާނަން." މިނިސްޓަރ ވިދާޅުވިއެވެ.

މިކަން ހާސިލްކުރުމަށްޓަކައި ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް އެހެން ގިއަރެއްގައި ކުރިއަށްގެންދަވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން އަމިއްލަ ވިޔަފާރިވެރިންނާއި ގުޅިގެން ޒުވާނުން ވަޒީފާއަށް ނެރުމުގެ ހާއްސަ ޕްރޮގްރާމެއް ކާމިޔާބުކަމާއެކު އަޅުގަނޑުމެން މިދަނީ ހިންގަމުން." މިނިސްޓަރ ވިދާޅުވިއެވެ.

މި ވެރިކަމުގައި، މިވަގުތު 180 ޒުވާނުން ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަކޮށް ޒިންމާދާރު ވަޒީފާތައް އަދާކުރަމުންދާއިރު، 60 އިތުރު ޒުވާނުން ޕްރޮގްރާމް ފުރިހަމަކުރަމުންގެންދާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އަބަދުވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ އެއްކަމެއް ކޮށްގެން ނޫނީ އަނެއްކަމެއް ނުކުރެވޭކަން. ކަމެއް ކޮށްގެން ނޫނީ ކާމިޔާބެއް ނުހޯދޭނެކަން. މިކަން ގަބޫލުކޮށް، މި ހަގީގަތާ ކުރިމަތިލުމަށް މިއަދު އަޅުގަނޑު އިލްތިމާސްކުރަން." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ އާ އަޒުމަކާއެކު، ހީވާގިކަމާއި މުރާލިކަމާއެކު، ސާފު އަމާޒެއް ކަނޑައަޅައި އެ އަމާޒު ހާސިލްކޮށް ތިމާ ދެކޭ މުސްތަގުބަލުގެ ހުވަފެންތަކުގައި ކުލަޖެއްސުމަށް އިލްތިމާސްކުރައްވާފައެވެ.