ޅަ އުމުރުގައި ވިޔަފާރިތައް ކާމިޔާބުކޮށް، އިގްތިސާދު ކޮޅަށް ޖެހުމުގައި ތިބި ޒުވާނުން ފެންނަންތިބިކަމީ އުފާކުރައްވާކަމެއް: މިނިސްޓަރ

ޅަ އުމުރުގައި ވިޔަފާރިތައް ކާމިޔާބުކޮށް، އިގްތިސާދު ކޮޅަށް ޖެހުމުގައި ތިބި ޒުވާނުން ފެންނަންތިބިކަމީ އުފާކުރައްވާ ކަމެއް ކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް، އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ، ބަދަލުވަމުންދާ ދުނިޔޭގައި ދިރިއުޅުމުގައި އެންމެ އިސް ދައުރެއް މިއަދު އަދާކުރަނީ ކުރިއަރައި ތަނަވަސްވަމުންދާ ފަންނިއްޔާތު ކަމަށެވެ. ހާއްސަކޮށް މައުލޫމާތާއި، މުއާސަލާތުގެ ފަންނިއްޔާތު ކަމަށާއި މިއީ އޭގެ މައްޗަށް ދުނިޔޭގެ ވިޔަފާރިއާއި އެނޫން އެތައް ކަމެއް އެންމެ ބޮޑަށް ބަރޯސާވެފައިވާ ދާއިރާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، މި ދާއިރާގައި ދުނިޔޭގެ ޒުވާނުން ހޯދައިފައިވާ ބޮޑެތި ކާމިޔާބީ ތަކަކީ ޒުވާނުންނަށް ހުރި އިބްރަތްތަކެއް ކަމަށެވެ.

ޒުވާނުން ރާއްޖޭގައި ނިސްބަތުން ގިނަ ކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ޅަ ދުވަހު، ވިޔަފާރިތައް ކާމިޔާބުކޮށް، ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖެހުމުގައި ތިބި ޒުވާނުން ފެންނަންތިބިކަމީ އުފާކުރައްވާ ކަމެއް ކަމަށެވެ.

މިފަދަ ސަބަބުތަކަށްޓަކައި، ފަންނިއްޔާތުގެ ދާއިރާއިން ޒުވާނުން ކުރިއެރުވުމަކީ ސަރުކާރުން ނުހަނު އިސްކަމެއްދޭކަމެއް  ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިގޮތުގެ މަތީން ހިންގޭ ތަފާތު އެތަކެއް ޕްރޮގްރާމެއް މިއަހަރުތެރޭގައި ވެސް ހިންގާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ފަންނިއްޔާތުގައި ހަރަކާތްތެރިވާ ވަރަށް މަދު، އެހެނަސް ހުނަރުން ފުރިގެންވާ 250 ޒުވާނުންނާއެކު މިއަހަރު ކުރީކޮޅު އަޅުގަނޑުމެން ކުރިއަށްގެންދިޔަ ހެކަތޯންއިން ފެނިގެން ދިޔައީ އާދަޔާހިލާފު ހުނަރު." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، އެއީ ފަންނިއްޔާތުގެ ދާއިރާއިން ޒުވާނުން މުޅިން އެހެން ރާއްޖެއަކަށް ގެންދާނެކަމުގެ މަލަމަތި ކަމަށެވެ.