ޒުވާނުންނަކީ މި ގައުމު އެދޭ ފަދަ ދަރިންތަކަކަށް ހެދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުން އެބަދޭ: މިނިސްޓަރ

ޒުވާނުންނަކީ މި ގައުމު އެދޭ ފަދަ ދަރިންތަކަކަށް ހެދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް، އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ، ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ.

މިނިސްޓަރ ވިދާޅުވީ، ޒުވާނުންނަށް ދިމާވެފައި އިޖުތިމާއީ މައްސަލަތަކާ ދުރުކޮށް، ޒުވާނުންނަކީ މި ގައުމަށް ފައިދާހުރި، މި ގައުމު އެދޭ ފަދަ ދަރިންތަކަކަށް ހެދުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މީގެ ތެރެއިން އެއް ކަމަކީ ޒުވާނުންނާ ބެހޭ ގައުމީ ސިޔާސަތެއް އެކުލަވާލުން ކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ،  މީގެ ފޮނި މޭވާ، ލަސްތަކެއް ނުވެ ދިވެހި ޒުވާނުންނަށް ލިބެމުންދާނެ ކަމަށެވެ.

އަދި މި ސިޔާސަތު އެކުލަވާލުމުގައި ދިވެހި އެންމެހާ ޒުވާނުންނާއި މަޝްވަރާކުރެވި، އެއްވެސް ޒުވާނެއް ބާކީ ނުވާނެކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.

"މި ސިޔާސަތަކީ ދިވެހި ޒުވާނުންގެ ސިޔާސަތު، މިއީ އަޅުގަނޑުމެންގެ ސިޔާސަތު." މިނިސްޓަރ ވިދާޅުވިއެވެ.