ޒުވާނުންނަކީ މާޒީއާއި މުސްތަގުބަލް ގުޅުވައިދޭ ފާލަން: މިނިސްޓަރ

ޒުވާނުންނަކީ އެ ގައުމެއްގެ އެންމެ އަގުހުރި ތަރިކަ ކަމަށާއި، ޒުވާނުންނަކީ މާޒީއާއި މުސްތަގުބަލް ގުޅުވައިދޭ ފާލަން ކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް، އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބެއްގައި މިނިސްޓަރ ވިދާޅުވީ، ޒުވާނުންނަކީ ގައުމުގެ ތަރައްގީގެ އެންމެ ބާރުގަދަ ވަސީލަތް ކަމަށެވެ.

ޒުވާނުންނަކީ ގައުމުގެ ރައްކާތެރިކަމާއި ކުރިއެރުމުގައި އެންމެ ބާރުގަދަ މުލައްދަނޑި ކަމަށާއި ގައުމު މާދަމާ އޮންނާނޭގޮތް ކަނޑައަޅާ ސިކުނޑިތަކަކީ އެއީ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މި ސަބަބަށްޓަކައި ޒުވާނުން ބާރުވެރިކޮށް، ހަގީގީ މާނައިގައި ޒުވާނުންނަށް ކާމިޔާބު މުސްތަގުބަލެއް ހޯދައިދިނުމަކީ އަޅުގަނޑުމެންގެ މިސަރުކާރު، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފާޅުކަން ބޮޑު ސިޔާސަތެއް. ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ އަކީ މީގެ ފާޅުކަން ބޮޑު ދަލީލެއް." މިނިސްޓަރ ވިދާޅުވިއެވެ.

ޒުވާނުންނަކީ މި ގައުމު އެދޭ ފަދަ ދަރިންތަކަކަށް ހެދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.