ރަޖިސްޓާޑް 2000 އަށް ވުރެ ގިނަ ޖަމިއްޔާ، އެކްޓިވް 600 ޖަމިއްޔާ!

ރާއްޖޭގައި ރަޖިސްޓާޑް 2000 އަށް ވުރެ ގިނަ ޖަމިއްޔާ އެބައޮތް ކަމަށާއި އޭގެ ތެރެއިން އެކްޓިވްކަމަށް ދައްކަނީ 600 ޖަމިއްޔާ ކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް، އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ، ވީޓީވީ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، ޖަމިއްޔާތަކުގެ އެކްޓިވް ލިސްޓެއް އޮންނަން ޖެހޭ ކަމަށާއި، މިގޮތުން ޖަމިއްޔާތަކުގެ ލިސްޓު ތައްޔާރުކުރި އިރު އެކްޓިވް ޖަމިއްޔާތަކުގެ ގޮތުގައި ފެނިގެންދިޔައީ 600 ޖަމިއްޔާ ކަމަށެވެ.

އެ 600 ޖަމިއްޔާތަކުގެ ތެރެއިން ލިޔެކިޔުންތަކަށް ބަލާއިރު އެކްޓިވް ޖަމިއްޔާއެއް އޮތް ނަމަވެސް ލިޔެކިޔުންތައް ބައެއް ޖަމިއްޔާތަކުގެ މަދު ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، އެކި ބެޗު ބެޗަށް ބަހާލައިގެން އެކްޓިވް ނޫން ޖަމިއްޔާތަކާއި، ލިޔުން ހަމަނުވާ ޖަމިއްޔާތަކުގެ ލިސްޓެއް ނެރެން ނިންމާފައިވާ ކަމަށާއި އެމަސައްކަތް ވަރަށް އަވަހަށް އެންޖީއޯ ޑިޕާޓްމަންޓުން ކުރާނެ ކަމަށެވެ.

"އަޅުގަނޑުގެ ޓާގެޓަކީ ހަމަ އެކްޓިވް، ލިޔުންތައް ފުރިހަމަކޮށްފަ، އުސޫލުގެ ތެރެއިން ހިނގާ ފުރިހަމަ ދަފްތަރެކޭ އޮންނަން ވާނީ" މިނިސްޓަރ ވިދާޅުވިއެވެ.