މީޑިއާ ވިލެޖުގެ މަސައްކަތް ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިމިގެންދާނެ: ރައީސް

މީޑިއާތަކަށް ދުވަހަކުވެސް ނުލިބޭ ރަނުގެ ފުރުސަތު ފަހިކޮށްދޭ މީޑިއާ ވިލެޖުގެ މަސައްކަތް ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިމިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، މީޑިއާ ވިލެޖު އަޅާނެ ގޮތާމެދު ކެބިނެޓުން ގޮތް ނިންމަވާފައިވާ ކަމަށެވެ. މިގޮތުން ހުޅުލޭގައި އެތައް އަހަރެއް ވަންދެން ހަދަން ފަށާފައިވާ އިމާރާތެއް، މިހާރު ސަރުކާރުން ނަގާފައިވާ ކަމަށާއި އެތަނުގެ ބައެއް ފްލޯތައް ހާއްސަކުރާނީ މީޑިއާ ވިލެޖު ގާއިމްކުރަން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ކޮންމެ މީޑިއާއަކަށް ހަމަޖެހޭ އުސޫލަކުން ވަރަށް ކުޑަ އަގެއްގައި އެމީހުން އޮފީސް ހިންގަން ޖާގަ ދޫކުރައްވާނެ ކަމަށެވެ.
"ފެންވަރު ރަނގަޅުގެ އެކި ސައިޒުގެ ސްޓޫޑިއޯތައް އެތަނުގައި ހަދާނެ، ޓީވީ ސްޓޭޝަންތަކަށް ބޭނުންވާ މިހިންގާ އެކި ކަހަލަ ޓީވީތައް ބެނުންވާނެ ޕްރޮޑަކްޝަން ފެސިލިޓީ، ޖާގަ އާ ތަންތަން ފޯރުކޮށްދޭނަން. މީޑިއާތަކަށް ދުވަހަކުވެސް ނުލިބޭ ރަނުގެ ފުރުސަތު އެތާއެތެރޭގައި އަޅުގަނޑު ހަމަޖައްސަދޭނަން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި މަސައްކަތް ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިމިގެންދާނެ ކަމަށެވެ.
މީޑިއާތައް ޒިންމާދާރުކަމާއެކު މަސައްކަތް ކުރައްވަން ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.
މީޑިއާ ވިލެޖު އެޅުމަށް ނިންމެވީ ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ހުށަހެޅި ކަރުދާހަކަށް މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލު ވުމުގައި މަޝްވަރާ ކުރެއްވުމަށްފަހު، ރައީސް ޑރ. މުއިއްޒުއަށް އެރުވި މަޝްވަރާއާ ގުޅިގެންނެވެ.
މިމަސައްކަތް ނިންމާލެވޭއިރު ރާއްޖޭގެ ނޫސްވެރިކަން މުޅިން އާ މިސްރާބަކަށް ދެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވަނީ ވިދާޅުވެފައެވެ.