ޒުވާނުން މުޖުތަމައުގައި ގަދަރުލިބިގެންވާ ހުނަރުވެރިންތަކަކަށްވުމަކީ ފަހުރެއް: އަސީލް

ޒުވާނުން މުޖުތަމައުގައި ގަދަރުލިބިގެންވާ ހުނަރުވެރިންތަކަކަށްވުމަކީ ފަހުރުވެރިވާ އަދި ޒުވާނުންނަށް އުފާވެރި މުސްތަގްބަލެއް އޮތްކަމުގެ އަލިގަދަ ހެއްކެއް ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އަސީލް ވިދާޅުވެއްޖެއެވެ.

އަސީލް މިފަދައިން ވިދާޅުވީ، އއ. ފެރިދޫގައި މިނިސްޓްރީން ހިންގި ރެފްރިޖަރޭޝަން އެންޑް އެއާކޮންޑިޝަނިން ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަސީލް ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތަކީ، ޒުވާނުން ބާރުވެރިކުރުންކަން ފާހަގަކުރައްވަމުން އަސީލް ވިދާޅުވީ، ރާއްޖޭގެ މުސްތަގްބަލަކީ ޒުވާނުން ކަމަށާއި ދިވެހިރާއްޖޭގެ ހާލަތު ރަނގަޅު ގޮތަކަށް ބަދަލުކުރަން ތިބި ބަޔަކީ ޒުވާނުންކަން ޝައްކެއްވެސްނެތް މިންވަރަށް ގަބޫލުކުރަންޖެހޭ ކަމެއް ކަމަށެވެ.

އަސީލް ވިދާޅުވީ، ހުނަރުވެރި މަސައްކަތްތެރި ޒުވާން ޖީލެއް ބިނާކުރުމަށް މިނިސްޓްރީގެ ފަރާތުން ތަފާތު މަސައްކަތްތެރިކަމުގެ ޕްރޮގްރާމްތައް ހިންގަމުންދާ ކަމަށެވެ. މިގޮތުން ރަށުކައުންސިލްތަކާއެކު ކުރިޔަށް ގެންދާ ކޮމިޔުނިޓީ އަޕްސްކިލިން ޕްރޮގްރާމަކީ މިނިސްޓްރީން ވަރަށް އިސްކަމެއް ދީގެން ކުރިޔަށް ގެންދާ ޕްރޮގްރާމެއް ކަން އަސީލް ފާހަގަކުރެއްވިއެވެ.

ކޮމިޔުނިޓީ އަޕްސްކިލިންގ ޕްރޮގްރާމް (ސީ.ޔޫ.ޕީ) އަކީ ރަށްރަށުގައި ދިރިއުޅޭ ޒުވާނުންގެ ހުނަރު އިތުރަށް ތަރައްގީކޮށް ހުނަރުވެރި މަސައްކަތްތެރިކަމުގެ ދާއިރާއިން އެންމެ ދަށްވެގެން އެމްއެންކިޔުއެފް ލެވެލް 3 ގެ ސަނަދެއް ފޯރުކޮށް ދިނުމަށް މިނިސްޓްރީން ކުރިޔަށް ގެންދާ ޕްރޮގްރާމެއް ކަމަށް އަސީލް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެންވެސް ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ލިބިފައިވާ ހުނަރެއްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި އަމިއްލަ ވިސްނުމާ ފިކުރު ބޭނުން ކޮށްގެން މުޖުތަމައަށް ފައިދާ ހުރި ގޮތަކަށް ހިއްސާކޮށްދިނުން. އަޅުގަނޑުގެ އުންމީދަކީ،  މިއީ ތިޔަ ބައިވެރިންގެ ވެސް އަޒުމަކަށް ހެދުން" އަސީލް ވިދާޅުވިއެވެ.

އަސީލް އިތުރަށް ވިދާޅުވީ، މިފަދަ  ފުރުސަތުތަކެއް ސަރުކާރުން ހޯދައިދިނުމުގެ ހަގީގީ ބޭނުމަކީ ގައުމު ތަރައްގީ ކުރުމަށް މަގު ފަހި ކުރުވާ، ހުނަރުވެރި ޒުވާނުން އުފެއްދާ، ހަރުދަނާ އިގްތިސާދެއް ބިނާ ކުރުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރު ކުރުން ކަމަށެވެ.

ޒުވާނުން ބާރުވެރިކުރުމަށް އަދުގެ ސަރުކާރުން ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އަސީލް ފާހަގަކުރެއްވިއެވެ.

މި ޕްރޮގްރާމް ޖުމްލަ 15 ޒުވާނުން ފުރިހަމަކޮށްފައިވާއިރު، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާ، ބައިވެރިންނަށް ސެޓްފިކެޓް ހަވާލު ކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އަސީލުއެވެ.

މި ޕްރޮގްރާމަކީ 4 މަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ކޯހެކެވެ.

މި ޕްރޮގްރާމަކީ ކޮމިޔުނިޓީ އަޕްސްކިލިންގ ޕްރޮގްރާމް (ސީ.ޔޫ.ޕީ)ގެ ދަށުން ހިންގި ޕްރޮގްރާމެކެވެ.

ކޮމިޔުނިޓީ އަޕްސްކިލިންގ ޕްރޮގްރާމް (ސީ.ޔޫ.ޕީ) އަކީ ރަށްރަށުގައި ދިރިއުޅޭ ޒުވާނުންގެ ހުނަރު އިތުރަށް ތަރައްޤީކޮށް، ހުނަރުވެރި މަސައްކަތްތެރިކަމުގެ ދާއިރާއިން އެންމެ ދަށްވެގެން އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ސަނަދެއް ފޯރުކޮށްދިނުމަށް މި މިނިސްޓްރީން ހިންގާ ހާއްސަ ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމެކެވެ.