ބައިނަލްއަގްވާމީ ފެންވަރުގެ އާޓް ސްކޫލެއް ރާއްޖޭގައި ހުޅުވުމުގެ މަސައްކަތް ކުރިއަށް!

ބައިނަލްއަގުވާމީ ފެންވަރުގެ އާޓް ސްކޫލެއް ރާއްޖޭގައި ހުޅުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު، އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ، ދިވެހި އާޓިސްޓުންގެ މަސައްކަތްތައް ދައްކާލުމުގެ ގޮތުން “އަންވެއިލިންގް ވިޝަންސް” ގެ ނަމުގައި ކުރިއަށް ގެންދިޔަ މައުރަޒުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، ބައިނަލްއަގުވާމީ ފެންވަރުގެ އާޓް ސުކޫލެއް ހުޅުވުމަށް އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތްތައް ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން މިހާރުވެސް ކުރިއަށްދާ ކަމަށެވެ.

އެކަމުގެ ތެރޭގައި ވަރަށް ގިނަ ފަންނުތަކާއި ގުޅުން ހުރި ކޯސްތައް ކުރިއަށް ގެންދިއުން ހިމެނޭނެއިރު އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައިވެސް ކުރެހުންތެރިންނަށް ހާއްސަ ކަންކަން އިންތިޒާމުވެގެންދާނެ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އެކަމުގެ ތަޖުރިބާކާރުންނާއެކު މަސައްކަތް ކުރަމުން މިދަނީ އައުޓްލައިން ތައްޔާރުކުރުމަށް. ކުރެހުމާއި ގުޅޭދާއިރާތައް އެ އައުޓްލައިންގައި ހިމެނޭ." މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ ރާއްޖޭގެ އާޓް ކަލެކްޝަން ވަރަށް އަވަހަށް ފަތުރުވެރިންނަށް ހުޅުވާލާނެ ކަމަށް ވިދާޅުވެފައެވެ. އޭރުން އެގްޒިބިޝަނެއް ނެތްނަމަވެސް ފަތުރުވެރިންނަށް ގެލަރީއަށް ވަދެ ނުކުމެ ހެދުމުގެ ފުރުސަތު އަބަދުވެސް އޮންނާނެކަމަށް ވިދާޅުވިއެވެ.

"އަންވެއިލިންގ ވިޝަންސް 2024" މައުރަޒަށް، އެކި ކުރެހުންތެރިން 200 އަށް ވުރެ ގިނަ ހުށަހެޅުން ފޮނުވާފައިވެއެވެ. އޭގެތެރެއިން މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (އެމް.އޭ.ސީ)އިން ބެއްލެވުމަށްފަހު މި މައުރަޒަށް ހޮވާފައިވަނީ 105 ކުރެހުންތެރިންގެ މަސައްކަތްތަކެވެ.

ނޭޝަނަލް އާޓް ގެލަރީގައި މިހިނގާ ޖުލައި މަހުގެ 9 ވަނަ ދުވަހުން 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މި މަރުރަޒުގައި ރާއްޖޭގެ މަޝްހޫރު ބައެއް ކުރެހުންތެރިންގެ އިތުރުން އަލަށް މިދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ބައިވެރިވެފައިވެއެވެ.

ރާއްޖޭގެ ކުރެހުންތެރިންގެ ހުނަރު ދައްކާލުމަށް ސިލްސިލާކޮށް ކުރިއަށް ގެންދާ މި މައުރަޒު ބާއްވާތާ މިއީ 7 ވަނަ އަހަރެވެ.