އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ ނޫސްވެރިންނަށް ބާއްވާ “ހޭލުންތެރި މީޑިއާ” ޓްރެއިނިން ޕްރޮގްރާމް ފަށައިފި

އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ ނޫސްވެރިންނާއި، މަތީ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ހާއްސަކޮށްގެން “ހޭލުންތެރި މީޑިއާ” ނަމުގައި ބާއްވާ ޓްރެއިނިން ޕްރޮގްރާމެއް ފަށައިފިއެވެ.

މިއީ ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާއިން ފުވައްމުލަކު ސިޓީގައި މިމަހު 19 އިން 20 އަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޓްރެއިނިން ޕްރޮގްރާމްގައި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީން 40 ބައިވެރިން ބައިވެރިވެފައިވެއެވެ.

މި ޓްރެއިނިން ޕްރޮގްރާމްގައި ބައިވެރިންނާއި މައުލޫމާތު ހިއްސާކުރާ މައުޟޫތަކުގެ ތެރޭގައި، ނޫސްވެރިކަމާއި ނޫސްވެރިކަމުގެ އަހުލާގު، ނޫސްވެރިކަމުގެ ވައްތަރުތަކާއި ލިޔުންތެރިކަމުގެ ވައްތަރުތައް، ދިވެހިރާއްޖޭގެ ތަރައްގީގައި ނޫސްވެރިންގެ ދައުރު، ތަހުގީގީ ނޫސްވެރިކަން ނުވަތަ އިންވެސްޓިގޭޓިވް ޖާރނަލިޒަމް، އެކި އެކި ފިކުރުތަކާއި ނޫސްވެރިކަން އަދި ނޫސްވެރިކަމުގެ ބަސްމަގު، ނޫސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ހުރި ފުރުސަތުތައް އަދި ފޭކް ނިއުސް އެންޑް ޝޮލިއުޝަން ޖާރނަލިޒަމް ހިމެނެއެވެ.

މި ސެޝަންތައް ނަންގަވާ ދެއްވަނީ އަލީ ޝައްމާން، އަބްދުއްލަތީފު އަހުމަދު، އަހުމަދު ނާއިފު، މުހައްމަދު ނަޒީފު، ޝަމްއާން ޝާކިރު، އަމާނުالله ރަޝީދު، އަޝްރަފު އަލީ އަދި ޑރ އިބްރާމް ސަމީރު އެވެ.

މި ޓްރެއިނިން ޕްރޮގްރާމްގެ މަގުސަދަކީ ނޫސްވެރިކަމުގައި އުޅޭ އަދި ނޫސްވެރިކަމަށް ޝައުގުވެރިކަން ހުންނަ އައްޑޫ ސިޓީ އަދި ފުވައްމުލަކުގެ ފަރާތްތައް ހަބަރާއި މައުލޫމާތު ފެތުރުމަށް އަހުލުވެރިކުރުވުމެވެ.