އޮލިމްޕަސް ކެފޭގެ ސީލިން ވެއްޓުނީ ކަތުރުފަނީގެ ސަބަބުން، މައްސަލަ ދަނީ ހައްލުކުރަމުން: އެންސީއޭ

އޮލިމްޕަސް ކޮމްޕްލެކްސްގައި ކުއްޔަށް ދީގެން ހިންގަމުންދާ ކެފޭގެ ސީލިން ވެއްޓިއްޖެއެވެ.

ރޭގެ ވަގުތެއްގައި ހިނގި މި މިހާދިސާގައި އެއްވެސް ފަރާތަކަށް އަނިޔާވެފައި ނުވާއިރު، މިފަދަކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަމުންގެންދާނެކަމުގެ ޔަގީންކަން ނެޝަނަލް ސެންޓަރ ފޯ ދި އާރޓްސް (އެންސީއޭ) އިން ވަނީ ދީފައެވެ.

އެންސީއޭއިން ބުނީ، ރޭގެ ހާދިސާ ހިނގަން މެދުވެރި ސަބަބެއްކަމުގައި ފާހަގަކުރެވިފައިވަނީ ކަތުރުފަނީގެ މައްސަލަ ކަމަށެވެ.

އިމާރާތް ބާވެ، ކަތުރުފަނީގެ ސަބަބުން ހަލާކުވެފައި ހުރި ތަންތަން ރަނގަޅުކުރުމުގެ މަސައްކަތް އެން.ސީ.އޭ ގެ ފަރާތުން ދަނީ ކުރަމުންނެވެ.

އެންސީއޭއިން ވަނީ އޮލިމްޕަސް ކޮމްޕްލެކްސްއަކީ ދިވެހި ފަންނާނުންނަށް ހިތްހަމަޖެހިގެން މަސައްކަތްކުރެވޭނެ ރައްކާތެރި ތަނަކަށް ހަދާނެކަމުގެ ޔަގީންކަން ދީފައެވެ.

ދިގު މުއްދަތަކަށް އޮލިމްޕަސް ބަންދުކޮށްފައި އޮތުމަށްފަހު، ބޭރު ގައުމެއްގެ އެހީއާއި ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއްކޮށްގެން އޮލިމްޕަސް އަލުން ހުޅުވީ މިދިޔަ 2023 ވަނަ އަހަރު ފެބްރުއަރީ 4 ގައެވެ.

އެ ތާރީހުން ފެށިގެން 18 މަސް ދުވަހުގެ މުއްދަތަކީ ރަނގަޅު ފެންވަރެއްގެ މަސައްކަތެއްކުރެވިފައިހުރިނަމަ ބޮޑު މަރާމާރަތަކަށް އަލުން ދާން ނުޖެހި، ސަލާމަތްކުރެވޭނެވަރުގެ ކުރު މުއްދަތެއް ނަމަވެސް މިވީ މުއްދަތުގައިވެސް މަސައްކަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން ކަތުރުފަންޏަށް މިސެންޓަރުން ވަނީ ޓްރީޓްކޮށްފައެވެ.