އެޗްޑީސީއާއި އެމްޕީއެލް އިން އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ހުޅުވާލައިފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

އެޗްޑީސީން ޖުމްލަ 7 ދާއިރާއަކުން ތަމްރީނުވުމަށް ހުޅުވާލާފައިވާއިރު އޭގެ ތެރޭގައި ކޮމްޕިއުޓާ ހާޑްވެއާ އެންޑް ނެޓްވޯކިން، ހެލްތު އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން، ފްރޮންޓް އޮފީސްގެ އިތުރުން ގާޑެނިން، ކޮންސްޓްރަކްޝަން ސައިޓް ސުޕަވައިޒޭޝަން، މޭސަނަރީ އަދި އިލެކްޓްރިކަލް އިންސްޓަލޭޝަން ހިމެނެއެވެ.

އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ސުންގަޑިއަކީ 20 ޖޫން 2024،ގެ މެންދުރުފަހު 15:30އެވެ. މި ޕްރޮގްރާމްގައި ބައިވެރިންނަށް ކޮންމެ މަހަކު އެލަވެންސްގެ ގޮތުގައި 6،000 ރުފިޔާ ދިނުމަށް ވަނި ނިންމާފައެވެ.

އެމްޕީއެލްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ދެ ދާއިރާއަކަށް ހުޅުވާލާފައިވާއިރު އެއީ އޮޓޯމޯބައިލް އެންޑް ހެވީ އިކުއިޕްމަންޓް ރިޕެއާ އަދި ޓަގް ޑްރައިވާއެވެ. އޮޓޯމޯބައިލް އެންޑް ހެވީ އިކުއިޕްމަންޓް ރިޕެއާއަށް 9 ޖާގަ އަދި ޓަގް ޑްރައިވާއަށް 8 ޖާގައަށް ދިނުމަށް ވަނީ ނިންމާފައެވެ.

ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމަށް ބައިވެރިވުމުގެ ސުންގަޑިއަކީ  10 ޖޫން 2024،ގެ މެންދުރު ފަހު 15:30އެވެ.

މި ޕްރޮގްރާމް ނިމުމުން ގްރެޖުއޭޓުވާ ފަރާތްތަކަށް ނެޝަނަލް ސެޓްފިކެޓް  3 ލިބިގެންދާނެއެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތުގެ ތަޖުތިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ މަގުސަދުތަކުގެ ތެރޭގައި މަސައްކަތްތެރިކަމުގެ ދާއިރާގެ ތަމްރީނު ހޯދުމަށް ޝައުޤުވެރިވާ ޒުވާނުންނަށް މަސައްކަތްތެރިކަމުގެ ދާއިރާއިން ސަރުކާރު ޤަބޫލުކުރާ ފެންވަރުގެ ތަމްރީނު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން މަސައްކަތްތެރިކަމުގެ ދާއިރާގައި މިހާރު ހަރަކާތްތެރިވާ ބިދޭސީންގެ އަދަދު މަދުކޮށް، އެވަޒީފާތައް އަދާކުރުމަށް އިތުބާރާއިއެކު، މަސައްކަތްކުރެވޭނެ ފެންވަރުގެ ހުނަރުވެރި ދިވެހި ޒުވާން މަސައްކަތްތެރީންތަކެއް ވަޒީފާގެ ބާޒާރަށް ނެރުން ވެސް މި ޕްރޮގްރާމްގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އަދި ތެދުވެރިކަމާއި، ނަޒާހަތްތެރިކަމާއިއެކު އަމިއްލަ މަސައްކަތުން ދިރިއުޅުމުގެ ހަރަދުބަރަދު ހަމަޖައްސާލެވޭނެ މިންވަރުގެ އާމްދަނީއެއް ހޯދައި، އަބުރުވެރިކަމާއިއެކު ދިރިއުޅެވޭނެމަގު ޒުވާން ދިވެހީންނަށް ފަހިކޮށްދިނުމަކީ ވެސް މިޕްރޮގްރާމްގެ މަގްސަދެކެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ތަމްރީނުތައް ކުރިޔަށް ދާނީ މައިގަނޑު 6 ދާއިރާއަކަށް ހާއްސަ ކުރެވިގެންނެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ، ދަތުރުފަތުރުގެ ދާއިރާ، އިމާރާތްކުރުމުގެ ދާއިރާ، އިޖްތިމާއީ ދާއިރާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ، އަދި އިންފޮމޭޝަން، ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ދާއިރާ ހިމެނެއެވެ.