ރިޔާސީ ބަޔާން 2026: ޒުވާނުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުވުމުގެ ހާއްސަ ޕްރޮގްރާމެއް ފަށަނީ

ޒުވާނުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުވުމުގެ ހާއްސަ ޕްރޮގްރާމެއް ފެށުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މިހިނގާ 2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް، ރައްޔިތުންގެ މަޖިލީސްކުރާ ގޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު އޮތް މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސް ވިދާޅުވީ، ޒުވާނުން ބާރުވެރިކުރުވުމުގެ ގޮތުން، ފަންނިއްޔާތުގެ ދާއިރާއިން ޒުވާނުން ތަމްރީނުކުރުމަށާއި، ނެޝަނަލް ޔޫތު ކޮންފަރެންސެއް ބޭއްވުމާއި، އަދި އެކިއެކި ރަށްރަށުގެ އެކި ދާއިރާތަކުން ޒުވާނުން ހިމެނޭހެން ޔޫތު ޕާލަމަންޓެއް އުފެއްދުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
މީގެއިތުރުން، ޒުވާނުންގެ ބައިވެރިވުމާއި ޝާމިލްވުން އިތުރުކުރުމަށްޓަކައި ސަރުކާރުގެ ވުޒާރާތަކުން ހިންގާ އެކިއެކި ކަންކަމުގައި، ޒުވާނުންގެ ޚިޔާލު ހޯދުމުގެ މަސައްކަތް ފެށުމާއެކު، ޒުވާނުންނަށް އަމާޒުކޮށްގެން ރީއިންޓެގްރޭޝަން ހަރަކާތްތަކެއް ވެސް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ކުށުގެ ވެށިން ޒުވާނުން ސަލާމަތްކުރުމަށް، ހަރުކަށި ފިކުރު ނައްތައިލުމަށްޓަކައި، ޒުވާނުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުވުމުގެ ހާއްސަ ޕްރޮގްރާމެއް ފެށުމަށް ނިންމަވާފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.