ރިޔާސީ ބަޔާން 2026: 40 މީޑިޔާއަކަށް 27 މިލިއަން ރުފިޔާ ސަރުކާރު ބަޖެޓުން ދޫކުރެވިފައި!

2025 ވަނަ އަހަރުގެ ބަޖެޓުން ފެށިގެން ކޮންމެ އަހަރަކު އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ރައީސުލަޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް 40 މީޑިޔާއަކަށް 27 މިލިއަން ރުފިޔާ ވަނީ ސަރުކާރު ބަޖެޓުން ދޫކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، މިހިނގާ 2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް، ރައްޔިތުންގެ މަޖިލީސްކުރާ ގޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު އޮތް މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސް ވިދާޅުވީ، ގައުމުގައި ހަމަޖެހުން ޤާއިމްވެގެން ދިޔުމުގައި އަދި، ތަރައްޤީގެ ދުވެލި ރައްޔިތުންނަށް ހާމަކޮށްދިނުމުގައި، އަދި ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގައި، ހަރުދަނާ މީޑިއާއެއް ޤައުމުގައި ޤާއިމުވެފައި އޮތުމަކީ ނުހަނު މުހިއްމު ކަމެއް ކަމަށެވެ.

"ސައްތައިންސައްތަ އިސްލާމީ މުޖުތަމަޢެއްގައި ހިފަހައްޓަން ޖެހޭނޭ މިންގަނޑުތައް އަބަދުމެ ހިފަހައްޓަމުން، ފަސް ކާފު ހަމަ، ތެދު ޚަބަރާއި، މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދޭ، ޒިންމާދާރު މީޑިޔާއެއް އޮތުމަކީ ރައްޔިތުންގެ ޙައްޤެއް. އެހެންކަމުން، މި ސަރުކާރުން، ރައްޔިތުންގެ މި މުހިންމު ޙައްޤު ކަށަވަރުކޮށްދިނުމުގައި ސާބިތުވެ ދެމިއޮންނާނަން." ރައީސް ވިދާޅުވިއެވެ.

މިގޮތުން، ރާއްޖޭގެ ތާރީޚުގައި އަލަށް، ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދޫކޮށްފައިވާ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ 40 މީޑިއާއަކަށް 27 މިލިއަނަށްވުރެ ގިނަ ރުފިޔާ މިހާރު ޖަމާކޮށްދީފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، މީޑިއާތަކުން، އަމިއްލަ ފަރާތްތަކުގެ އިމާރާތްތަކުން ބޮޑު ކުލީގައި އޮފީހާއި ސްޓޫޑިޔޯ ޖާގަ ކުއްޔަށް ނަގަން މަޖުބޫރުވެފައިވާތީ، މާލީގޮތުން ކުރިމަތިލާން ޖެހިފައި އޮންނަ މި ދަތި ހާލަތުން އަރައިގަނެ، ލިބޭ އާމްދަނީން މީޑިޔާ އިތުރަށް ތަރައްޤީކޮށް ކުރިއަރައިގެން ދިޔުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، ވަރަށް ކުޑަ އަގެއްގައި ކުއްޔަށް ނެގޭނެ އޮފީސް އަދި ސްޓޫޑިޔޯ ޖާގަ ހިމެނޭ މީޑިޔާ ވިލެޖުގެ މަސައްކަތް ވަރަށް ހަލުއި ދުވެލީގައި ކުރިއަށްދާ ކަމަށެވެ.

" ހުޅުމާލޭ ފޭސް 1 ގައި ހަދަމުންދާ މީޑިޔާ ވިލެޖުގައި 34 ޖާގަ ހިމެނޭ. މިތަން ނިމި، މީޑިޔާތަކަށް ބޭނުންހިފުމުގެ ފުރުޞަތު، މި އަހަރުގެ މެދުތެރޭގައި އިރާދަކުރެއްވިއްޔާ ހުޅުވައިލާނަން." ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މީޑިއާއާ މަޢުލޫމާތު ޙިއްޞާ ކުރުމުގައިވެސް، މި ސަރުކާރުން މީޑިއާއާ ގާތުން މަސައްކަތްކުރުމުގައި ދެމިއޮންނާނެ ކަމަށެވެ.

ސަރުކާރުގެ ހަރަކާތްތައް ހިއްސާކުރައްވައި، ސުވާލުތަކަށް ޖަވާބު ދެއްވުމުގައި، ނިމިދިޔަ އަހަރު، ރާއްޖެއާއި ބޭރުގެ މީޑީއާތައް ހިމެނޭގޮތަށް، 424 ފަހަރު، ސީދާ ވަޒީރުން އެކި މީޑިއާތަކަށް، މަޢުލޫމާތާއި އިންޓަރވިއު ދެއްވަން ވަޑައިގެންފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން 493 ފަހަރު ވުޒާރާތަކުގެ އެކިއެކި އިސްވެރިން ވަނީ ރައްޔިތުންނަށް ބޭނުންވާ އެކިއެކި މުހިންމު މަޢުލޫމާތު، މީޑިއާގެ ޒަރީއާއިން ޙިއްޞާ ކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.