ޔޫތު ހަބުން މިހާތަނަށް 680 ޒުވާނުންވަނީ ހިދުމަތް ހޯދާފައި!

ޔޫތު ހަބްގެ ފެސިލިޓީތަކުން ފޯރުކޮށްދިން ތަފާތު އެކިއެކި ޕްރޮގްރާމްތަކުގައި މިހާތަނަށް 680 ޒުވާނުން ހިދުމަތް ހޯދާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މިހިނގާ 2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް، ރައްޔިތުންގެ މަޖިލީސްކުރާ ގޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު އޮތް މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސް ވިދާޅުވީ، ޒުވާނުން މުނިފޫހިފިލުވުމާއި، އާޓްސް ދާއިރާއިން ފަންނުވެރިންގެ ހުނަރު ތަމްރީނުތައް ދިނުމާއި، މަދަނީ ޖަމުޢިއްޔާތައް ބާރުވެރިކުރުވުމާއި، ޒުވާނުންގެ މެދުގައި ކިޔުމާއި އުނގެނުމުގެ ރޫޙު އަށަގެންނެވުމަށްޓަކައި، ޔޫތު ހަބު ހުޅުވާފައިވާ ކަމަށެވެ.
މިގޮތުން އެތަނުގައި ތައްޔާރުކުރެވިފައިވާ ފެސިލިޓީތަކުން ފޯރުކޮށްދިން ތަފާތު އެކިއެކި ޕްރޮގްރާމްތަކުގައި މިހާތަނަށް 680 ޒުވާނުން ހިދުމަތް ހޯދާފައިވާ ކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ޒުވާނުންނާ ގުޅުންހުރި ތަފާތު ހުނަރުވެރި ޕްރޮގްރާމްތައް ހިންގުމަށް، ޒުވާނުންނަށް ހާއްސަކޮށްގެން އެކިއެކި ހަރަކާތްތައް ރާވައި އިންތިޒާމުކުރުމަށް ޔޫތު ހަބުތައް ހުރިހާ ސިޓީއެއްގައި ގާއިމުކުރުމުގެ މަސައްކަތް މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން، ގއ.ވިލިނގިލި، ހއ.ދިއްދޫ، އދ.މަހިބަދޫ، ބ.އޭދަފުށި، ދ.ކުޑަހުވަދޫ، ފ.ނިލަންދޫ، ލ.ފޮނަދޫ، ޅ.ނައިފަރު އަދި ރ.އުނގޫފާރުގައި މިފަދަ ޔޫތު ހަބުތައް ގާއިމުކުރުމަށް ބޭނުންވާ ބިން ހަމަޖެހި، މި އަހަރު ތެރޭގައި ޢަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޒުވާނުން ބާރުވެރިކުރުވުމުގެ ގޮތުން، ފަންނިއްޔާތުގެ ދާއިރާއިން ޒުވާނުން ތަމްރީނުކުރުމަށާއި، ނެޝަނަލް ޔޫތު ކޮންފަރެންސެއް ބޭއްވުމާއި، އަދި އެކިއެކި ރަށްރަށުގެ އެކި ދާއިރާތަކުން ޒުވާނުން ހިމެނޭހެން ޔޫތު ޕާލަމަންޓެއް އުފެއްދުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
މީގެއިތުރުން، ޒުވާނުންގެ ބައިވެރިވުމާއި ޝާމިލްވުން އިތުރުކުރުމަށްޓަކައި ސަރުކާރުގެ ވުޒާރާތަކުން ހިންގާ އެކިއެކި ކަންކަމުގައި، ޒުވާނުންގެ ހިޔާލު ހޯދުމުގެ މަސައްކަތް ފެށުމާއެކު، ޒުވާނުންނަށް އަމާޒުކޮށްގެން ރީއިންޓެގްރޭޝަން ހަރަކާތްތަކެއް ވެސް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި، ކުށުގެ ވެށިން ޒުވާނުން ސަލާމަތްކުރުމަށް، ހަރުކަށި ފިކުރު ނައްތައިލުމަށްޓަކައި، ޒުވާނުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުވުމުގެ ހާއްސަ ޕްރޮގްރާމެއް ފެށުމަށް ނިންމަވާފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.