ރައީސްގެ ވައުދުފުޅާ އެއްގޮތަށް 40 މީޑިއާއަކަށް 27.29 މިލިއަން ރުފިޔާ ދީފި

2025 ވަނަ އަހަރުގެ ބަޖެޓުން ފެށިގެން ކޮންމެ އަހަރަކު އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ރައީސުލަޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް އަމިއްލަ މީޑިއާތަކަށް ފައިސާ ދޫކޮށްފިއެވެ.

މީޑިއާތަކަށް މާލީ އެހީތެރިކަން ދިއުމަށްޓަކައި މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގް ކޮމިޝަނުން އެކުލަވާލި އުސޫލުގެ ދަށުން ޝަރުތު ހަމަވެ، 40 މީޑިއާއަކަށް ފައިސާ ލިބޭ ކަމަށް ވަނީ ކަނޑައަޅަފައެވެ.

މީޑިއާތަކަށް  ލިބޭ ފައިސާގެ މިންވަރު  ޔޫތު މިނިސްޓްރީއަށް އެންގުމުން މި މިނިސްޓްރީން ވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން މެދުވެރިކޮށް އެފަރާތްތަކަށް ފައިސާ ޖަމާކޮށްދީފައެވެ.

މިގޮތުން 40 މީޑިއާއަކަށް 27،295،532.69 ރުފިޔާ ވަނީ ދީފައެވެ.

ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ދޭ މާލީ އެހީއަކީ އަމިއްލަ މީޑިއާތައް ބާރުވެރިކުރުވައި ޒިންމާދާރު ނޫސްވެރިކަމެއް ކުރުމަށް މަގުފަހިކޮށްދިނުމަށް ދެވޭ އެހީއެކެވެ.