މިއަހަރު 50 ފަރާތަކުން 3911 ފޮތް ލައިބްރައީ އަށް ހަދިޔާ ކޮށްފި

ޤައުމީ ކުތުބުޚާނާ އަށް ތަކެތި ޖަމާކުރުމުގެ ޤާނޫނުގެ ދަށުން ހަވާލު ކުރި ތަކެއްޗާއި އާންމު ފަރާތްތަކުން ހަވާލު ކުރި ތަކެއްޗާއެކު މިއަހަރު ޖުމްލަ 3911 ފޮތް ލައިބްރަރީއަށް ހަދިޔާ ކޮށްފިއެވެ.

މީގެ އިތުރުން ހަދިޔާ ކޮށްފައި ވާ ތަކެތީގެ ތެރޭގައި؛

494 ފްލޭޝް ކާޑްސް

283 ލީފްލެޓް

03 މެގަޒިން ހިމެނެއެވެ.

ޤައުމީ ކުތުބުޚާނާ އަށް ތަކެތި ޖަމާކުރުމުގެ ޤާނޫނުގެ ދަށުން 40 މުސައްނިފަކާއި 26 ޖަމާއަތަކުން ހަދިޔާ ކުރި ތަކެތީގެ ތެރޭގައި؛

85 ފޮތް

10 މެގަޒިން

02 ލީފްލެޓް

414 ނޫސް ހިމެނެއެވެ.

އިއްޔެ ލައިބްރަރީގައި ބޭއްވި ހަފްލާއެއްގައި ލިޔުންތެރިޔާ މުޙައްމަދު ޖަމީލް ވަނީ، އޭނާ ލިޔުއްވި 'ބޮޑުތަކުރުފާނު: ސިރީސަވާދީއްތަ މަހާރަދުން' އަދި 'އަލިރަސްގެފާނު' ފޮތުގެ 2 ކޮޕީ ޤައުމީ ކުތުބުޚާނާއަށް ޖަމާ ކުރައްވައިފި އަދި ޕަބްލިކް ކަލެކްޝަނަށް 02 ކޮޕީ ހަދިޔާކުރައްވާފެއެވެ.

ޤައުމީ ކުތުބުޚާނާ އަކީ އެކި އުމުރުފުރާ އާ ގުޅޭ އަދި ތަފާތު ބާވަތްތަކުން 46،250 އަށް ވުރެ ގިނަ ފޮތް އެކުލެވިގެންވާ ތަނެކެވެ. އޭގެ ތެރޭގައި އިނގިރޭސި ބަހުން ހުރި ފޮތްތަކާއި ދިވެހި ބަހުން ހުރި ފޮތްތަކާއި، އަރަބި އަދި އެހެން ބަސްބަހުގެ ފޮތްތައް ވެސް ހިމެނެއެވެ.

އަދި ޖަރނަލް ތަކާއި މެގަޒިން އަދި ނޫސްތައް ވެސް ހިމެނެއެވެ. މީގެ އިތުރުން ލައިބްރަރީ އަކީ، ރާއްޖޭގެ ތާރީޚު ދައްކައިދޭ ގިން ލިޔުންތައްވެސް ހުރި ތަނެކެވެ. އެގޮތުން އެންމެ ޒަމާންވީ އެކައްޗަކީ އިސްދޫ ލޯމާފާނެވެ. އަދި އަލީ އެދުރު ތަކުރުފާނު އަތުން ލިޔުއްވާފައި ވާ 'ބޮޑު ތަރުތީބު' ވެސް ހިމެނެއެވެ.

1945 ގައި ވުޖޫދުވި ލައިބްރަރީ، ޒަމާނީކޮށް ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ލައިބްރަރީގެ ގޮފިތައް ޤާއިމު ކޮށް ކިޔުންތެރިކަން ފުޅާކުރުމުގެ މަސައްކަތް މި ސަރުކާރުން މިހާރު ވަނީ ފަށާފައެވެ. އެގޮތުން އާބާދީ ބޮޑެތި ސަރަހައްދުތަކުގައި ކޮމިއުނިޓީ ލައިބްރަރީ ޤާއިމު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް އެބަދެއެވެ.