ގއ. ވިލިނގިލީގައި ބޭއްވި "ޖަމްއިއްޔާތަކުގެ މަހާސިންތާ 2024" ކާމިޔާބުކަމާއެކު ނިންމާލައިފި

ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާ އިން ކުރިޔަށްގެންދިޔަ ގއ. ވިލިނގިލީގައި ބޭއްވި "ޖަމްއިއްޔާތަކުގެ މަހާސިންތާ 2024"  ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

61 ބައިވެރިންނާއެކު ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި މަހާސިންތާ ކުރިއަށް ގެންގޮސްފައިވަނީ ގއ. ވިލިގިލީ ތައުލީމީ މަރުކަޒުގެ ހޯލު ގައެވެ.

މި މަހާސިންތާގައި ޖުމުލަ 7 ފަރާތަކުން ވަނީ ތަފާތު އެކި އެކި މައުލޫއުތަކަށް ސެޝަންތައް ނަގާދީފައެވެ. އޭގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސާވިސް، ޔޫތު މިނިސްޓްރީ، މޯލްޑިވްސް ރެޑް ކްރެސެންޓް، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ)، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، އޭޝިއާ ފައުންޑޭޝަން އަދި މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ ހިމެނެއެވެ.

މި މަހާސިންތާގެ ބައިވެރިންނަށް އަދި ފެސިލިޓޭޓަރުންނަށް މިނިސްޓްރީން ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ. ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދުއެވެ. އަދި ފެސިލިޓޭޓަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކެޓެރީ ފާތިމަތު އަހްމަދުއެވެ.

މި މަހާސިންތާ އަކީ މަދަނީ ޖަމްއިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ، ހަރުދަނާ މަދަނީ މުޖުތަމައުއެއް ބިނާކޮށް ފަހި ވެއްޓެއް ގާއިމްކުރުމަށް ބޭނުންވާ ކަންކަން ދެނެގަތުމަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަހާސިންތާއެކެވެ.

މީގެ އިތުރުން ގައުމީ ތަރައްގީއާއި، މުޖުތަމައުގައި (ވަކިވަކި ރަށްރަށުގައި އާއި އަތޮޅު ތެރޭގައި) ހިގަމުންދާ އިޖުތިމާއީ ތަފާތު މައްސަލަތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި ޖަމްއިއްޔާތަކުގެ ދައުރާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ޖަމްއިއްޔާތައް ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމަށް ވެސް މި މަހާސިންތާގައި ވަނީ ރާވާފައެވެ.

މި މަހާސިންތާގެ މަގުސަތުތަކުގެ ތެރޭގައި ގއ. އަތޮޅުގައި ހަރަކާތްތެރިވާ ޖަމުއިއްޔާ ތަކުގެ ހިންގުން ހަރުދަނާ ކުރުމާއި ޖަމްއިއްޔާ ތަކުގެ މަސައްކަތާއި ގުޅުން ހުރި ސެކްޓަރ ތަކާއި ދެމެދު ގުޅުން ބަދަހިކުރުމުގެ އިތުރުން އަމާން ވެއްޓެއް ގާއިމް ކުރުމަށް ކުރެވޭ މަސައްކަތުގައި ޖަމްއިއްޔާ ތަކުގެ ދައުރު އިތުރު ކުރުން އަދި މުޖުތަމައު ބާރުވެރިކުރުވުމަށް ކަމާއި ކުޅޭ މުއައްސަސާ ތަކުން ކުރާ މަސައްކަތުގައި މަދަނީ ޖަމްއިއްޔާ ތަކުގެ ބައިވެރިވުން އިތުރު ކުރުން ހިމެނެއެވެ.