ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ ކުޅުދުއްފުށި ސިޓީއަށް

މިނިސްޓަރ އޮފް ޔޫތް އެމްޕަވަރމެންޓް، އިންފޮމޭޝަން އެންޑް އާޓްސް، އިބްރާހިމް ވަހީދު، ރަސްމީ ދަތުރުފުޅެއްގައި އިއްޔެ ކުޅުދުއްފުށި ސިޓީއަށް ވަޑައިގަންނަވައިފިއެވެ.

މި ދަތުރުފުޅުގެ ތެރެއިން މިނިސްޓަރ ވަނީ ކުޅުދުއްފުށި ސިޓީ ކައުންސިލާ ބައްދަލުކުރައްވާ، މިނިސްޓްރީގެ މެންޑޭޓްގައި ހިމެނޭކަންކަން ކުޅުދުއްފުށީގައި ކުރިއަށްގެންދިއުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

މިގޮތުން "ތިލަދެކުނު ސިނަމާ" މިނިސްޓްރީގެ ފަރާތުން ތަރައްޤީކޮށް ހިދުމަތްފެށުމާ ގުޅޭގޮތުންނާއި، ކުޅުދުއްފުށީގައި ޒުވާނުންނަށް ހާއްސަ "ޔޫތް ތަރޑް ސްޕޭސް" އެއް ޤާއިމުކުރުމުގެ މަސައްކަތާ ގުޅޭގޮތުން ވަނީ މަޝްވަރާތައް ކުރެވިފައެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ ސިޓީގައި ގާއިމުކުރުމަށް ރޭވިފައިވާ ސިނަމާ، އަދި ޔޫތް ތަރޑް ސްޕޭސް ޤާއިމުކުރުމަށް ހަމަޖެހިފައިވާ ބިމަށް ޒިޔާރަތްކުރައްވާފައެވެ. އަދި ކުޅުދުއްފުށީ އާންމު ކުތުބުހާނާއަށާއި، މަނަސް ހަބަށް ވެސް ޒިޔާރަތްކުރައްވާ، މި ތަންތަނުގެ މިހާރުގެ ހާލަތާއި، އެތަންތަނުން ފޯރުކޮށްދެމުންދާ ހިދުމަތްތައް ކައިރިން މިނިސްޓަރ ވަނީ ބައްލަވާލައްވާފައެވެ.