"ސަޅި ފެސްޓް 2025" ކާމިޔާބުކަމާއެކު ނިންމާލައިފި

ޒުވާނުންގެ ހުނަރާއި ވިޔަފާރިތައް ކުރިއެރުވުމަށް އަމާޒުކޮށްގެން ބޭއްވި "ސަޅި ފެސްޓް 2025" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ޔޫތް ހަބްގައި ކުރިއަށްގެންދިޔަ ސަޅި ފެސްޓްގައި، ވިޔަފާރި ސްޓޯލްތަކާއި ފުޑް ސްޓޯލްތަކުގެ އިތުރުން އާ ހުނަރުތައް ދަސްކުރުމަށާއި، ހުނަރުތައް ތަރައްޤީ ކުރުމަށްޓަކައި ވޯކްޝޮޕްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ލައިވް ޝޯތަކުގެ އިތުރުން ފެސްޓިވަލުގައި ބައިވެރިވާ ފަރާތްތަކަށް ހިލޭ ކަރޯކޭ އަދި އެކި ކަހަލަ ގޭމް ޒޯންތަކުގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ފެސްޓުން ޒުވާނުން އެއްތަންވެ، މަޖާކޮށް، އާ ކަންތައްތައް ދަސްކޮށް، އަދި އެކުވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމަށް ފުރުސަތު ލިބިގެންދިޔަ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ބުނެއެވެ.
މިއީ ޕްރެސިޑެންޝަލް ޔޫތް އެޑްވައިސަރީ ބޯޑުގެ އިސްނެގުމުގެ މަތިން، ޔޫތް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ ފެސްޓިވަލްއެކެވެ.
މުލީއާގެ ގަރާޖުގެ ގޮތުގައި ބޭނުންކުރަމުން އައި އިމާރާތާއި ގޯތި، ތަރައްގީކޮށް ޔޫތް ހަބެއްގެ ގޮތުގައި ހުޅުވީ މި މަހުގެ 20 ވަނަ ދުވަހުއެވެ. އެތަން ފަރުމާކުރައްވާފައިވަނީ ކަންކަން އުނގެނުމަށާއި، އެކި ކަހަލަ ހުނަރުތައް ދަސްކޮށްދިނުމަށާއި، އެކަކު އަނެކަކާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް މަގުފަހިވާގޮތަށް، ޒުވާނުންނާއި ތިމާވެއްޓާ ރައްޓެހި ތަނެއްގެ ގޮތުގައެވެ.
ހަމަ އެހެންމެ ، އެކިކަހަލަ ބޫޓް ކޭމްޕްތަކާއި، ސްކިލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ވަރޗުއަލް ރިއަލިޓީ ޓްރެއިނިންގ، ކޮމިއުނިޓީ އާޓް ވޯލް، އިންޓްރެކްޓިވް ކޮމިއުނިޓީ ހަބް، އެކިކަހަލަ މަސައްކަތު ބައްދަލުވުން، އަދި ކަލިނަރީ އިވެންޓްތައް ބޭއްވުމުގެ ފުރުސަތުތައް ވެސް ޔޫތް ހަބްގައި ފަހިވެގެންދާނެ އެވެ.