"ޒުވާނުންގެ ވެހި" ރަސްމީކޮށް ހުޅުވައިފި

ލިލީމަގުގައި ހުންނަ މުލިއާގޭ ވެހިކަލް ގަރާޖުގެ ގޮތުގައި ބޭނުންކުރަމުން އައި އިމާރާތާއި ގޯތި ޒުވާނުންގެ މަރުކަޒެއްގެ ގޮތުގައި ތަރައްގީކޮށް "ޒުވާނުންގެ ވެހި" ގެ ނަމުގައި ހުޅުވައިފިއެވެ.

ޒުވާނުންގެ ވެހީގެ ގޮތުގައި ތަރައްޤީކޮށް ރަސްމީކޮށް އެތަން ހުޅުއްވައިދެއްވީ އެކަމަށް ހާއްސަކޮށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ދަޢުލަތުގެ ވަޒީރުންނާއި އެކި މުޢައްސަސާތަކުގެ އިސްވެރިންނާއި، ޑިޕްލޮމެޓުންނާއި، ޒުވާނުންގެ އެޑްވައިޒަރީ ބޯޑުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

"ޒުވާނުންގެ ވެހި" ފަރުމާކުރައްވާފައިވަނީ ކަންކަން އުނގެނުމަށާއި، އެކި ކަހަލަ ހުނަރުތައް ދަސްކޮށްދިނުމަށާއި، އެކަކު އަނެކަކާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް މަގުފަހިވާގޮތަށް، ޒުވާނުންނާއި ތިމާވެއްޓާ ރައްޓެހި ތަނެއްގެ ގޮތުގައެވެ.

މީގެ އިތުރުން، އެކިކަހަލަ ބޫޓް ކޭމްޕްތަކާއި، ސްކިލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ވަރޗުއަލް ރިއަލިޓީ ޓްރެއިނިންގ، ކޮމިއުނިޓީ އާޓް ވޯލް، އިންޓްރެކްޓިވް ކޮމިއުނިޓީ ހަބް، އެކިކަހަލަ މަސައްކަތު ބައްދަލުވުން، އަދި ކަލިނަރީ އިވެންޓްތައް ބޭއްވުމުގެ ފުރުޞަތުވެސް ޒުވާނުންގެ ވެހިން ފަހިވެގެންދާނެއެވެ.

މުލިއާގޭ ވެހިކަލް ގަރާޖު ހުރި ސަރަހައްދަކީ ގިނަ ސްކޫލްތަކެއް ހުންނަ ސަރަޙައްދަކަށްވާއިރު، އިތުރު ޚަރަދަކާ ނުލައި، ސްޓޫޑަންޓް އައި.ޑީއާއެކު ޒުވާނުންގެ ވެހީގެ ސްޓަޑީ ހޯލްތަކުގެ ބޭނުން، ކިޔަވާ ކުދިންނަށްވެސް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސަވާފައެވެ.

ޒުވާނުންނާ ގުޅޭ ހަރަކާތްތައް ހިންގުމަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލު ހޯދައިދިނުމުގެ ގޮތުން، "ޒުވާނުންގެ ތަރޑް ސްޕޭސް" ގެ ގޮތުގައި އެ ސަރަޙައްދު ތަރައްޤީކުރެއްވުމަށް، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ނިންމެވީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 18 ވަނަ ދުވަހުއެވެ.