ހަފްތާ104: ނެޕް އަދި ސީ:ޔޫ.ޕީ 541 ޒުވާނުން ފުރިހަމަ ކޮށްފައިވޭ!

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލައިގެން ޒުވާނުން ބާރުވެރިކުރުވުމާއި ފަންނާއި މައުލޫމާތާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ނޮވެންބަރު 17، 2023 އިން ފެށިގެން މިއަދާ ހަމައަށް ޖުމްލަ 255 ޒުވާނުން ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 225 ފިރިހެނުންނާއި 30 އަންހެނުންނެވެ. އަދި މިހާރު ހިނގަމުންދާ ނެޕްގެ ޕްރޮގްރާމުތަކުގައި ޖުމްލަ 132 ޒުވާނުން ބައިވެރިވެފައިވާއިރު، މީގެ ތެރޭގައި 119 ފިރިހެނުންނާއި 13 އަންހެނުން ހިމެނެއެވެ.

މިޕްރޮގްރާމްތައް ހިންގަމުންދަނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ނެޝަނަލް ސްޓޭންޑަރޑްތަކާ އެއްގޮތަށެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ތަމްރީނުތައް ކުރިޔަށް ދާނީ މައިގަނޑު 6 ދާއިރާއަކަށް ހާއްސަ ކުރެވިގެންނެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ، ދަތުރުފަތުރުގެ ދާއިރާ، އިމާރާތްކުރުމުގެ ދާއިރާ، އިޖްތިމާއީ ދާއިރާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ، އަދި އިންފޮމޭޝަން، ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ދާއިރާ ހިމެނެއެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ އިތުރުން ކޮމިޔުނިޓީ އަޕްސްކިލިންގ ޕްރޮގްރާމަކީ ވެސް ގިނަ ޒުވާނުންގެ ތަރުހީބު ލިބެމުން އަންނަ ޕްރޮގުރާމެކެވެ.

ކޮމިޔުނިޓީ އަޕްސްކިލިންގ ޕްރޮގްރާމް (ސީ.ޔޫ.ޕީ) އަކީ ރަށްރަށުގައި ދިރިއުޅޭ ޒުވާނުންގެ ހުނަރު އިތުރަށް ތަރައްގީކޮށް މަސައްކަތްތެރިކަމުގެ ދާއިރާއިން އެންމެ ދަށްވެގެން އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ސަނަދެއް ފޯރުކޮށްދިނުމަށް މި ވުޒާރާއިން ހިންގާ ހާއްސަ ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމެކެވެ.

ނޮވެންބަރު 17 2023 އިން ފެށިގެން މިއަދާ ހަމައަށް ޖުމްލަ 286 ޒުވާނުން ކޮމިޔުނިޓީ އަޕްސްކިލިންގ ޕްރޮގްރާމް ފުރިހަމަކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 152 ފިރިހެނުންނާއި 129 އަންހެނުންނެވެ. އަދި މިހާރު ކުރިއަށްގެންދާ ޕްރޮގްރާމުތަކުގައި ޖުމްލަ 93 ޒުވާނުން ތަމުރީނު ފުރިހަމަ ކުރަމުންދާއިރު އޭގެ ތެރޭގައި 84 ފިރިހެނުންނާއި 9 އަންހެނުން ހިމެނެއެވެ.

މި ޕްރޮގްރާމްގެ މަގްސަދުގެ ތެރޭގައި ކޮންމެ ޒުވާނަކީވެސް ހުނަރުވެރި މަސައްކަތެއް ކުރަން ދަންނަ ޒުވާނަކަށް ހެދުމާއި ސްކޫލް މަރުހަލާ ނިންމުމަށްފަހު ނުވަތަ ތަފާތު އެކި ސަބަބުތަކާއި ހުރެ ސްކޫލް މަރުހަލާ ނުނިންމާ ވަކިވެފައި ތިބި ޒުވާނުންނަށް ހާއްސަ ހުނަރެއް ދަސްކޮށްދިނުން ހިމެނެއެވެ. އަދި ޒުވާނުންނަށް ވަޒީފާ ހޯދުމަށް އިތުރު މަގުތައް

ތަނަވަސްކޮށްދީ އަމިއްލަ މަސައްކަތެއް ފަށައިގަންނަން ބޭނުންވާ ޒުވާނުންނަށް ކުރިއަށްދާނެ ގޮތްތައް ހޯދައިދިނުންވެސް ހިމެނެއެވެ.