އާރޓްސް ސްކޫލެއް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނަން: މިނިސްޓަރ

ރަނގަޅު ފެންވަރުގެ އާރޓްސް ސްކޫލެއް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އާރޓްސް ސްކޫލުގެ ބޭނުން ރާއްޖެއަށް ވަރަށް ބޮޑު ކަމަށާއި އެކަމުގެ މަސައްކަތްތައް މިނިސްޓްރީގެ ފަރާތުން ކުރަމުން ގެންދާ ކަމަށެވެ.
ރާއްޖޭގައި ބައިނަލްއަގުވާމީ ފެންވަރުގެ އާރޓްސް ސްކޫލެއް އެޅުމަކީ ރައިސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ވެސް ވާ ކަމެއް ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، އެކަމާ ގުޅޭގޮތުން ރައީސްއާ މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
"އެމަސައްކަތް އަޅުގަނޑުމެން ވަރަށް އަވަހަށް ފަށާނަން، ރާއްޖޭގެ އާރޓްސް ކުރިއެރުވުމަށްޓަކައި ރަނގަޅު ފެންވަރުގެ އާރޓްސް ސްކޫލެއް ބައިނަލްއަގުވާމީ ފެންވަރުގައި ގަބޫލުކުރާ އާރޓްސް ސްކޫލެއް އަޅުގަނޑުމެން ރާއްޖޭގައި ގާއިމުކުރާނަން." މިނިސްޓަރ ވިދާޅުވިއެވެ.
މީޑިއާ ވިލެޖާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މީޑިއާ ވިލެޖުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.
"މީޑިއާ ވިލެޖުގެ މަސައްކަތް ނިމޭއިރު ނޫސްވެރިކަމުގެ މުޅިން އެހެން މިސްރާބަކަށް އަޅުގަނޑުމެންނަށް ދެވޭނެ. އަޅުގަނޑު މިހާރު ވަނީ ކެބިނެޓުގައި ކަރުދާސް ފާސްކޮށްފަ" މިނިސްޓަރ ވިދާޅުވިއެވެ.
މިބައްދަލުވުމުގައި މިނިސްޓަރ ވަނީ އާރޓްސް ސްކޫލުގެ އަދި މީޑިއާ ވިލެޖުގެ އިތުރުން އެންޖީއޯ ފޯރަމް އާ ގުޅޭގޮތުން ވެސް ނޫސްވެރިންނަށް މައުލޫމާތު ފޯރުކޮށްދެއްވާފައެވެ.