ސީ.ޔޫ.ޕީ: އިލެކްޓްރިކަލް އިންސްޓްލޭޝަން އެންޑް މެއިންޓޭނަންސްގެ ކޯހެއް ނިންމާލައިފި

ކޮމިޔުނިޓީ އަޕްސްކިލިންގ ޕްރޮގްރާމް (ސީ.ޔޫ.ޕީ)ގެ ދަށުން އިލެކްޓްރިކަލް އިންސްޓްލޭޝަން އެންޑް މެއިންޓޭނަންސްގެ ކޯހެއް ނިންމާލައިފިއެވެ.
ރ. ކިނޮޅަސްގައި ހިންގި މި ކޯސް ފުރިހަމަ ކުރި 18 ޒުވާނުންނަށް ސެޓްފިކެޓް ހަވާލުކޮށްފައިވަނީ އެކަމަށް ހާއްސަކޮށް ކިނޮޅަސްގެ ޖަމްއިއްޔާ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ޔޫތު އެންޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްގެ ޑެޕިއުޓީ މިނިސްޓަރ ހުސައިން ޖަވާޒްއެވެ. އަދި މި ރަސްމިއްޔާތުގައި ޔޫތު މިނިސްޓްރީ، އަދި އެމް.އައި.ޓީ ގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމިޔުނިޓީ އަޕްސްކިލިންގ ޕްރޮގްރާމް (ސީ.ޔޫ.ޕީ) އަކީ ރަށްރަށުގައި ދިރިއުޅޭ ޒުވާނުންގެ ހުނަރު އިތުރަށް ތަރައްގީކޮށް ހުނަރުވެރި މަސައްކަތްތެރިކަމުގެ ދާއިރާއިން އެންމެ ދަށްވެގެން އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ސަނަދެއް ފޯރުކޮށްދިނުމަށް މި މިނިސްޓްރީން ހިންގާ ހާއްސަ ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމެކެވެ.