ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން ބާއްވާ އާޓް އެގްޒިބިޝަން މިމަހު 26ގައި!

ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އާޓް އެގްޒިބިޝަން މިމަހު 26ގައި ބާއްވަން ނިންމައިފިއެވެ.

މީގެ ކުރިން މި އާޓް އެގްޒެބިޝަން ބޭއްވުމަށް ނިންމާފައިވަނީ މިމަހު 10 ވަނަ ދުވަހުން 15 ވަނަ ދުވަހަށެވެ. ނަމަވެސް މިހާރު ވަނީ އެތާރީހަށް ބަދަލު އައިސްފައެވެ. އެގޮތުން މިހާރު މި އެގްޒެބިޝަން ބޭއްވުމަށް ނިންމާފައިވަނީ މިމަހު 26 ވަނަ ދުވަހުން 30 ވަނަ ދުވަހަށެވެ.

މި އާޓް އެގްޒިބިޝަންގެ ނަމަކީ "ލެބިރިންތް"އެވެ.

މި އެގްޒެބިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ނެޝަނަލް އާޓް ގެލެރީގައެވެ.

މިދިޔަ އަހަރުވެސް ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން މިނިސްޓްރީގެ ފަރާތުން ވަނީ "ޝޭޑްސް އޮފް މައިންޑް"ގެ ނަމުގައި އާޓް އެގްޒިބިޝަންއެއް ބާއްވާފައެވެ.

ޖުމްލަ 51 ޒުވާނުން މި އާޓް އެގްޒެބިޝަންގައި ބައިވެރިވިއިރު މި އެގްޒިބިޝަން ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިންނަށް ކެޓްލޮގް ވަނީ ހަވާލުކޮށްފައެވެ.

ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން މިނިސްޓްރީގެ ފަރާތުން އާޓް އެގްޒިބިޝަނެއް ހުޅުވާލުމުގެ މައިގަނޑު މަގްސަދަކީ، ފަންނުވެރިކަމުގެ ތެރެއިން ނަފްސާނީ ހޭލުންތެރިކަން އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ މުހިއްމުކަން ގެނެސްދިނުމެވެ.