މީޑިއާތަކަށް ބޭނުންވާ ގިނަ ހަބަރާއި މައުލޫމާތު ހިލޭ ލިބޭނެ ގޮތަށް ނިއުސް އެޖެންސީއެއް ގާއިމުކުރަނީ

"ގައުމީ ނިއުސް އެޖެންސީ" އެއް އުފެއްދުމަށްޓަކައި، ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާ އާއި ޕަބްލިކް ސާރވިސް މީޑިއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު އިބްރާހީމް ވަހީދުއެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަސްރީންއެވެ.

މި ފަހުމުނާމާގެ ދަށުން ގާއިމް ކުރާ ނިއުސް އޭޖެންސީގެ ތެރެއިން މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ޚަބަރާއި މަޢުލޫމާތު ޑިޖިޓަލް ޕޯޓަލްއެއްގެ ތެރެއިން ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.

މި ހިދުމަތަކީ، ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުން ހަބަރާއި މައުލޫމާތު، އަދި އެކަމަކާ ގުޅޭ ފޮޓޯ އާއި ވީޑިއޯ ފަސޭހަކަމާއެކު ލިބިގެންދާނެ ހިދުމަތެކެވެ.

މި ޕްލެޓްފޯމް މެދުވެރިކޮށް ދެވޭ ޙިދުމަތްފޯރުކޮށްދެވޭނީ ޔޫތު މިނިސްޓްރީގެ ބައިވެރިވުން އޮންނަ ގޮތަށެވެ.

ހަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިންނާއި މައުލޫމާތު ލިބިގަތުމުގައި ހުރި ފަސޭހަތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅު ތެރޭގައި ހިމެނޭ މުހިއްމު އެއް ސިޔާސަތެވެ.