މެރިއޮޓް އިންޓަނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު!

މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްއިން ހިންގާ "ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމް"ގެ ދަށުން މެރިއޮޓް އިންޓަނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޕްރޮގުރާމުގައި ބައިވެރިވުމަށް އެދޭ ފަރާތަކުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 16 އަހަރު - 20 އަހަރާ ދެމެދުގެ ދިވެހި ރައްޔިތަކަށް ވުމާއި ޖީސީއީ އޯޑިނަރީ ލެވެލް ނުނީ އެޑްވާން ލެވެލް ފުރިހަމަކޮށްފައިވާ, އިނގިރޭސީން ރަނގަޅަށް މުއާމަލާތްކުރަން ދަންނަ އަދި ހޮސްޕިޓަލިޓީ އިންޑަސްޓްރީއަށް ޝައުގުވެރިވާ މީހަކަށް ވާންޖެހޭނެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން sh.mlesi.apprenticeship@marriott.com އަށް ސީވީ މެއިލް ކުރުމަށް މެރިއޮޓް އިންޓަނޭޝަނަލްއިން ވަނީ އެދިފައެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް (ނެޕް)ގެ މަގުސަދު ތަކުގެ ތެރޭގައި މަސައްކަތްތެރިކަމުގެ ދާއިރާގެ ތަމްރީނު ހޯދުމަށް ޝައުޤުވެރިވާ ހުރިހާ އުމުރެއްގެ ދިވެހީންނަށް މަސައްކަތްތެރިކަމުގެ ދާއިރާއިން ސަރުކާރު ޤަބޫލުކުރާ ފެންވަރުގެ ތަމްރީނު ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް މަސައްކަތްތަކާއި ގުޅޭގޮތުން ނެޝަނަލް ކޮމްޕިޓެންސީ ބޭސްޑް ޓްރެއިނިންގް ސްޓެންޑާރޑް ތަކުގައި ހިމަނާފައިވާ ހުރިހާ ކޮމްޕިޓެންސީއެއް ހާސިލްކުރެވިފައިވޭތޯ ބަލައި، ކަށަވަރުކުރުމަށްފަހު، ތަމްރީން ފުރިހަމަކުރި ކަމުގެ ޤައުމީ ސަނަދު ދޫކުރުން މި ޕްރޮގުރާމުގެ މަގުސަދު ތަކުގެ ތެރޭގައި ހިމެނެއެވެ.

ހަމައެހެންމެ މަސައްކަތްތެރިކަމުގެ ދާއިރާގައި މިހާރު ހަރަކާތްތެރިވާ ބިދޭސީންގެ އަދަދު މަދުކޮށް، އެވަޒީފާތައް އަދާކުރުމަށް އިތުބާރާއިއެކު، މަސައްކަތްކުރެވޭނެ ފެންވަރުގެ ހުނަރުވެރި ދިވެހި ޒުވާން މަސައްކަތްތެރީންތަކެއް ވަޒީފާގެ ބާޒާރަށް ނެރުން ވެސް މި ޕްރޮގްރާމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އަދި ތެދުވެރިކަމާއި، ނަޒާހަތްތެރިކަމާއިއެކު އަމިއްލަ މަސައްކަތުން ދިރިއުޅުމުގެ ޚަރަދުބަރަދު ހަމަޖައްސާލެވޭނެ މިންވަރުގެ އާމްދަނީއެއް ހޯދައި، އަބުރުވެރިކަމާއިއެކު ދިރިއުޅެވޭނެމަގު ޒުވާން ދިވެހީންނަށް ފަހިކޮށްދިނުމަކީ ވެސް މިޕްރޮގުރާމުގެ މަގްސަދެކެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ތަމްރީނުތައް ކުރިޔަށް ދާނީ މައިގަނޑު 6 ދާއިރާއަކަށް ހާއްސަ ކުރެވިގެންނެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ، ދަތުރުފަތުރުގެ ދާއިރާ، އިމާރާތްކުރުމުގެ ދާއިރާ، އިޖްތިމާއީ ދާއިރާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ، އަދި އިންފޮމޭޝަން، ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ދާއިރާ ހިމެނެއެވެ.