މީޑިއާ ގްރާންޓަށް 27.98 މިލިއަން ރުފިޔާ، ވަރަށް އަވަހަށް ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ!

މީޑިއާ ގްރާންޓަށް 27.98 މިލިއަން ރުފިޔާ ކަނޑައަޅުއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.ރައީސް އޮފީހުގައި މމިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މީޑިއާ ގްރާންޓަށް 27.98 މިލިއަން ރުފިޔާ ކަނޑައަޅުއްވާފައިވާއިރު މި ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އަވަހަށް ހުޅުވާލާނެ ކަމަށެވެ.
މީގެ އިތުރުން، ރައީސް އޮފީހުގެ ކުރިމަތީގައި "މީޑިއާ ފެންޑާ" ގެ ނަމުގައި ހާއްސަ ޖާގައެއް ގާއިމްކޮށްފައިވާ ކަމަށާއި، ނޫސްވެރިންނަށް މި ޖާގަ 24 ގަޑިއިރު ބޭނުންކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.ރައީސް އިތުރަށް ވިދާޅުވީ، ނޫސްވެރިކަމުގެ ދާއިރާއަށް ޝައުގުވެރިވާ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. މިގޮތުން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އާޓްސްގައި ހިންގާ މީޑިއާއާ ގުޅުންހުރި ޕްރޮގްރާމްތަކުގެ ހަރަދުގެ 50 އިންސައްތަ ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިއީ ރާއްޖޭގެ މީޑިއާ ދާއިރާ ކުރިއެރުވުމަށާއި، ނޫސްވެރިންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން އަޅުއްވާ މުހިންމު ފިޔަވަޅުތަކެއް ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.