މީޑިއާ ވިލޭޖުގެ މަސައްކަތް މިހާރު ވަނީ ހަވާލުކުރެވިފައި: ރައީސް

މީޑިއާ ވިލޭޖު މަސައްކަތް އެޗްޑީސީން މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ރައީސް އޮފީހުގައި އިއްޔެ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މީޑިއާ ވިލޭޖެއް ގާއިމުކުރުމަކީ އެމަނިކުފާނު ވައުދުފުޅުވި ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މީޑިއާ ވިލޭޖަކީ މީޑިއާތަކަށް ސަރުކާރުގެ އިމާރާތެއް ތެރެއިން ވަރަށް ސަބްސިޑައިޒްކޮށް ވަރަށް ކުޑައަގެއްގައި އޮފީސް ޖާގައެއް ކުއްޔަށް ދޭގޮތަށް ގާއިމުކުރެވޭ ތަނެއް ކަމަށެވެ.

ރައީސް ވިދާޅުވީ، އެއިމާރާތަކީ އެސްޓީއޯއިން ހަދަން ފަށާފައި ހުއްޓިފައި ހުރި އިމާރާތެއް ކަމަށާއި އެތަން ހަދަން އެޗްޑީސީން ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑްއާ އެކު 1 މެއިގައި ސޮއިކޮށްފައިވާ ކަމަށެވެ.

ސަރުކާރަށް ލިބޭ ފުލޯތަކުން މިހާރު ރާއްޖޭގައި އޮޕަރޭޓްކުރާ ވަރަށް ގިނަ މީޑިއާތަކަށް ޖާގަތައް ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީޑިއާ ވިލެޖު ގާއިމުކުރުމުގެ މަސައްކަތް ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކުރީ އެމަސައްކަތް ފަށާތާ 4 މަސް ދުވަހުގެ ތެރޭގައި އެމަސައްކަތް ނިންމާ ގޮތަށް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެ ހޮޓަލުގައި ސަރުކާރުގެ ބޭނުމަށް ހާއްސަކުރާ ބައިތަކުގައި ސަރުކާރުގެ މުހިންމު ވައުދުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖް، ޔޫތު ސެންޓަރު (އީ-ސްޕޯޓްސް) އަދި ހެރިޓޭޖް ކޮލެޖް އިތުރުން މެޑިކަލް ކޮލެޖު ތަރައްގީކުރާނެއެވެ.

މީޑިއާ ވިލެޖު އެޅުމަށް ނިންމެވީ ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ހުށަހެޅި ކަރުދާހަކަށް މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލު ވުމުގައި މަޝްވަރާ ކުރެއްވުމަށްފަހު، ރައީސް ޑރ. މުއިއްޒުއަށް އެރުވި މަޝްވަރާއާ ގުޅިގެންނެވެ.

މިމަސައްކަތް ނިންމާލެވޭއިރު ރާއްޖޭގެ ނޫސްވެރިކަން މުޅިން އާ މިސްރާބަކަށް ދެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވަނީ ވިދާޅުވެފައެވެ.