މުސައްނިފު މުހައްމަދު ޔޫސުފު ފޮތްތަކެއް ހަދިޔާކުރައްވައިފި

މަޝްހޫރު މުސައްނިފު މުހައްމަދު ޔޫސުފު، އޭނާގެ ފަސްވަނަ އެޑިޝަންގެ ހިސާބު ފޮތްތަކުގެ ކޮޕީތަކެއް ނެޝަނަލް ލައިބްރަރީ އޮފް މޯލްޑިވްސްއަށް ހަދިޔާކުރައްވައިފިއެވެ.މި ފޮތްތައް ހަދިޔާކުރައްވާފައިވަނީ ނެޝަނަލް ލައިބްރަރީގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ފޮތްތައް ހަދިޔާ ކުރުމާ ގުޅިގެން ނެޝަނަލް ލައިބްރަރީން ވަނީ މުޙައްމަދު ޔޫސުފަށް ޝުކުރު އަދާކޮށްފައެވެ.

 

މުހައްމަދު ޔޫސުފް މަޝްހޫރުވެގެން ދިޔައީ އޭނާ އަމިއްލައަށް އުފެއްދެވި ޕްރޮގްރެސިވް ކްލާހަކުންނެވެ. ޕްރޮގްރެސިވް ކްލާހުގައި ތައުލީމީ ދާއިރާގެ ހިދުމަތް ބިނާވެފައިވަނީ އެކި އެކި ސަނަދު ނަގަން ބޭނުންވާ ކުދިންނަށް ސަނަދު ނަންގަވައިދެއްވުމުގެ މަތިންނެވެ.

 

މުހައްމަދު ޔޫސުފް އެންމެ ފުރަތަމަ ކިޔަވާދެއްވަން ފެއްޓެވީ ހެންވޭރު ކަޅުހުރާގޭ އަލްމަރްހޫމް މުހައްމަދު ލަތީފް ހިންގެވި އީވްނިންގް ކްލާހުގައި 1966 ވަނަ އަހަރުއެވެ. މީގެ އިތުރުން 1986 ގައި މާދޫގޭ އަލްމަރްހޫމް އަލީ އަހްމަދު ހިންގަވަމުން ގެންދެވި މަދަރުސަތުލް އާލިޔާގެ ހާއްސަ ކްލާސް ކަމަށްވާ ހަވީރު ކްލާސް ނަންގަވައިދެއްވިއެވެ. އަދި 1972 ގައި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގައި ޕްރޮގްރެސިވް ކްލާސް ރެޖިސްޓަރ ކުރެއްވިއެވެ.

 

35 އަހަރު ވަންދެން އެ ކްލާސް ހިންގަވާފައިވާއިރު އެ މުއްދަތުގައި 6000 އަށް ވުރެ ގިނަ ކުދިންވަނީ ތައުލީމް ހާސިލްކޮށްދެއްވާފައެވެ.

 

މުހައްމަދު ޔޫސުފް ލިޔުއްވާފައިވާ ބައެއް ފޮތްތަކުގެ ތެރޭގައި ކަސްރު، ބޭނުންތެރި ހިސާބު، ހިސާބުގެ ތާވަލު، ހޮޅުއަށީގައި އަދި ކަމްޕައުންޑް ރޫލް ހިމެނެއެވެ.