އަމާޒަކީ ނެޕް ފަދަ ޕްރޮގްރާމްތައް ރާއްޖޭގެ އެކި ރަށްތަކަށް ފުޅާކޮށް، ބައިވެރިވުން އިތުރު ކުރުން: މިނިސްޓަރ

އަމާޒަކީ "ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމް " ފަދަ ޕްރޮގްރާމްތައް ރާއްޖޭގެ އެކި ރަށްތަކަށް ފުޅާކޮށް، ޒުވާނުންނާއި ހަމައަށް ވާސިލުވެ ބައިވެރިވުން އިތުރު ކުރުން ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މެރިއަޓް އިންޓަރނޭޝަނަލް މޯލްޑިވްސް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމި ދަސްވެނިންނަށް ސެޓްފިކެޓު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.ގްރެޖުއޭތުވި ހުރިހާ ދަރިވަރުންނަށް މަރުހަބާ ދަންނަވަމުން މިނިސްޓަރ ވިދާޅުވީ 32 އެޕްރެންޓިސް ގްރެޖުއޭޓުންގެ ކާމިޔާބީ ފާހަގަކުރައްވާ ކަމަށާއި މި އަދަދު ކުޑަކޮށް ފެނުނު ނަމަވެސް މީގެ އަސަރު ވަރަށް ބޮޑު ކަމަށެވެ.

 

32" އެޕްރެންޓިސް ގްރެޖުއޭޓުންގެ ކާމިޔާބީ ފާހަގަކުރަން، މި އަދަދު ކުޑަކޮށް ފެނުނަސް - މީގެ އަސަރު ވަރަށް ބޮޑު، މިއީ އަލުން މާނަކުރެވުނު 32 މުސްތަގްބަލް، ބާރުވެރިކުރެވުނު 32 ގޭބީސީ" މިނިސްޓަރ ވިދާޅުވިއެވެ.

 

ފާއިތުވި 10 މަސް ދުވަހުގެ ތެރޭގައި މި ދަރިވަރުންނަށް އަމަލީ ސެޝަންތަކެއްގެ އިތުރުން ތިއަރީ ސެޝަންތަކެއް ނަގައިދީފައިވާ ކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، މިފަދަ ޕްރޮގްރާމްތައް މެދުވެރިކޮށް ދެމެހެއްޓެނިވި މަސައްކަތްތަކުން ނަތީޖާ ނެރެވޭނެ ކަމަށެވެ.

 

"ތިބާމެން ހޯދާފައިވާ ހުނަރުތަކަކީ ހަމައެކަނި ވަޒީފާ އަދާކުރުމަށް ބޭނުންކުރާ އާލާތްތަކެއް ނޫން، އެއީ ބަދަލު ގެނައުމުގެ ވަސީލަތްތަކެއް، ތިބާމެންގެ އަމިއްލަ ނަފްސަށް، އަދި މުޅި ގައުމަށް" މިނިސްޓަރ ފާހަގަކުރެއްވިއެވެ.

 

މިނިސްޓަރ ވިދާޅުވީ މިފަދަ ޕްރޮގްރާމްތައް ރާއްޖޭގެ އެކު ރަށްތަކަށް ފުޅާކޮށް، ޒުވާނުންނާއި ހަމައަށް ވާސިލުވެ ބައިވެރިވުން އިތުރު ކުރުމަކީ އެންމެ ބޮޑު އަމާޒު ކަމަށެވެ.މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ ޒުވާނުން ކަމަށާއި، ޒުވާނުން ބާރުވެރި ކުރުވައި ކުރިޔަށް ދެވޭނެ ގޮތް މަގުފަހިކޮށްދިނުމަށް މަސައްކަތް ކުރަން ޖެހޭކަމަށެވެ.