މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބައި އިލެކްޝަނަށް ކުރިމަތިލާން ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލުގެ އާންމު މެންބަރެއްގެ މަގާމާއި މީޑިއާތައް ތަމްސީލްކުރާ މެންބަރެއްގެ މަގާމު ހުސްވެފައިވާތީ، އަދި މީޑިއާތައް ތަމްޘީލްކުރާ އިތުރު މެންބަރެއްގެ މަގާމު 28 އެޕްރީލް 2025 ގައި ހުސްވާތީ މި ތިން މަގާމަށް ތިން މެންބަރުން އިންތިހާބުކުރުމަށްޓަކައި އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ހުންނަން ޖެހޭ ޝަރުތުތައް:
(ހ) ދިވެހި ރައްޔިތެއް ކަމުގައިވުން.
(ށ) އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން.
(ނ) އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު
ކަމުގައި ނުވުން.
(ރ) މަސްތުވާ ތަކެތީގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
(ބ) ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
(ޅ) ވޭތުވެދިޔަ 2 (ދޭއް) އަހަރު ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް
ކަމުގައި ނުވުން.
(ކ) ޚިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
(އ) މުޖްތަމައު ގަބޫލުކުރާ މިންގަނޑުތަކުން އަބުރުވެރި، އަޚުލާގު ރަނގަނޅު މީހެއް ކަމުގައިވުން.
(ވ) ފާއިތުވެދިޔަ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ނޫސް މަޖައްލާ އެއްގައި އެމީހަކު ލިޔުނު އެއްޗަކާބެހޭގޮތުން ޝަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
މޯލްޑިވްސް މީޑިއާ ކައުންސިލުގެ މި ތިން މަގާމަށް ވާދަކުރަން އެދޭ ފަރާތްތަކުން 18 މާރިޗު 2025 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، މިމިނިސްޓްރީގެ ވެބްސައިޓްގައިވާ މީޑިއާ ކައުންސިލްގެ އިންތިހާބުގައި މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ފުރައި، އެފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، މިނިސްޓްރީ އޮފް ޔޫތު އެންޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް ގެ އީމެއިލް media@youth.gov.mv އަށް ހުށަހެޅުމަށް މިނިސްޓްރީން އެދެއެވެ.
އާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާއާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތަކެވެ. ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ މީލާދީ 2 އަހަރެވެ. އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން 2 ދައުރު އަދާ ނުކުރެވޭނެއެވެ.