އަރުޝީފީ ދާއިރާގެ އެއްބަސްވުމެއްގައި ދިވެހިރާއްޖެއާއި ސައޫދީ އަރަބިއްޔާ އިން ސޮއިކޮށްފި

އަރުޝީފުކުރުމާއި ރެކޯޑް މެނޭޖްކުރުމުގެ ދާއިރާއިން އެހީތެރިވުމާއި އެއްބާރުލުމަށް ދިވެހިރާއްޖެއާއި ސައޫދީ އަރަބިއްޔާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމަކީ އަރުޝީފުކުރުމާއި އަރުޝީފީ ތަކެތި އިންޑެކްސްކުރުމާއި ، ރައްކާތެރިކޮށް ބެލެހެއްޓުމާއި ފޮޓޯއާއި ޗާޓާއި، އޯޑިއޯވިޒައަލްސް ބެލެހެއްޓުމާއި ، ދުވަސްވީ ތަކެއްޗަށް ފަރުވާދީ ބޭނުންކުރެވޭ ހާލަތަށް ގެނައުމާއި މި ދާއިރާތަކުން މީހުން ތަމްރީނުކުރުމާއި، އަރކައިވްކުރުމުގެ ސަގާފަތާއި ޒަމާނީ ގޮތްތަކާއި ކޮންސެޕްޓްތަކާއި ޓެކްނޮލޮޖީތަކާ ބެހޭ ގޮތުން އާ އިލްމާއި ތަޖުރިބާ ހިއްސާކުރުމާއި ސްޕެޝަލިސްޓުން ތަމްރީނުކުރުމަށް ސޮއިކުރެވުނު އެއްބަސްވުމެކެވެ.
ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖޭގެ ގައުމީ އަރުޝީފުގެ ޑި ރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް އަރކައިވްސް ، މުޙައްމަދު ޢާމިރު އަޙްމަދެވެ. ސައޫދީ އަރަބިޔާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ސެންޓަރ ފޮރ އަރކައިވްސް އެންޑް ރެކޯޑްގެ ޑިރެކްޓަރ ޖެނެރަލް ޑރ. ފައިޞަލް ޢަބްދުލްޢަޒީޒު ތަމީމީއެވެ.
މި އެއްބަސްވުމަކީ ދުނިޔޭގެ އިސްލާމީ ގައުމުތަކުގެ އިސްވެރިންގެ މަހާސިންތާގައި ބައިވެރިވަޑައިގެންނެވުމަށްޓަކައި އާމިރު، ސައޫދީ އެރެބިޔާގެ ރިޔާޒަށް ކުރެއްވި ދަތުރުގެ ތެރެއިން ދެ އިދާރާގެ ދެމެދުގައި ގާއިމުވި ގުޅުންތަކުގެމައްޗަށް އެކުލަވައިލެވުނު އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގައި ސޮއިކުރެވުނީ މި މަހު 16 އިން 18 އަށް ސައޫދީ އެރެބިޔާގެ ރިޔާޒުގައި އޮތް "އަރކައިވްސް އިން ދަ ޑިޖިޓަލް އޭޖް" ކޮންފަރެންސްގެ ހަވާސާގައި ސައޫދީ އެރޭބިޔާގެ ވެރިރަށް ރިޔާޒުގައެވެ.
މި ރަސްމިއްޔާތުގައި ސައޫދީ އެރެބިޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު އަޙްމަދު ސަރީރާއި ދުނިޔޭގެ އަރކައިވާ ބެހޭ މައި އިދާރާ ، އިންޓަރނޭޝަނަލް ކައުންސިލް އޮން އަރކައިވް (އައިސީއޭ)ގެ ސެކްރެޓެރީ ޖެނެރަލް ބައިވެރިވެ ވަޑައިގެންނެވިއެވެ.