މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބައި އިލެކްޝަނަށް ކުރިމަތިލާން ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބައި އިލެކްޝަނަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ މީޑިއާ ކައުންސިލްގެ އާންމު މެންބަރެއްގެ މަގާމު ހުސްވެފައިވާތީ އާއި މީޑިއާތައް ތަމްސީލްކުރާ މެންބަރެއްގެ މަގާމު 28 އެޕްރީލް 2025 ގައި ހުސްވާތީ އެ ދެމަގާމަށް ދެ މެންބަރުން އިންތިހާބުކުރުމަށްޓަކައި އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ހުންނަން ޖެހޭ ޝަރުތުތައް:

(ހ) ދިވެހި ރައްޔިތެއް ކަމުގައިވުން.

(ށ) އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން.

(ނ) އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު

   ކަމުގައި ނުވުން.

(ރ) މަސްތުވާ ތަކެތީގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

(ބ) ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.

(ޅ) ވޭތުވެދިޔަ 2 (ދޭއް) އަހަރު ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް

   ކަމުގައި ނުވުން.

(ކ) ޚިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

(އ) މުޖްތަމައު ގަބޫލުކުރާ މިންގަނޑުތަކުން އަބުރުވެރި، އަޚުލާގު ރަނގަނޅު މީހެއް ކަމުގައިވުން.

(ވ) ފާއިތުވެދިޔަ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ނޫސް މަޖައްލާ އެއްގައި އެމީހަކު ލިޔުނު އެއްޗަކާބެހޭގޮތުން ޝަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުކަމަށް ވާދަކުރަން އެދޭ ފަރާތްތަކުން 20 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މިމިނިސްޓްރީގެ ވެބްސައިޓްގައިވާ މީޑިއާ ކައުންސިލްގެ އިންތިހާބުގައި މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ފުރައި، އެފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، މިނިސްޓްރީ އޮފް ޔޫތު އެންޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް ގެ އީމެއިލް  media@youth.gov.mv އަށް ހުށަހެޅުމަށް މިނިސްޓްރީން އެދެއެވެ.

އާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާއާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތަކެވެ. ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ މީލާދީ 2 އަހަރެވެ. އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން 2 ދައުރު އަދާ ނުކުރެވޭނެއެވެ.