މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބައި އިލެކްޝަނަށް ކުރިމަތިލުމަށް ހުޅުވާލުން

  ޤާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ މީޑިއާ ކައުންސިލްގެ އާންމު މެންބަރެއްގެ މަގާމު ހުސްވެފައިވާތީ އާއި މީޑިއާތައް ތަމްޘީލްކުރާ މެންބަރެއްގެ މަގާމު 28 އެޕްރީލް 2025 ގައި ހުސްވާތީ އެ ދެމަގާމަށް ދެ މެންބަރުން އިންތިޚާބުކުރުމަށްޓަކައި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.

           އާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާއާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތަކެވެ. ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ މީލާދީ 2 (ދޭއް) އަހަރެވެ. އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން 2 (ދޭއް) ދައުރު އަދާ ނުކުރެވޭނެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ގާނޫނު ގެ 7 (ހަތެއް) ވަނަ މާއްދާގައިވާ ގޮތުން ކައުންސިލްގެ މެންބަރުންގެ ކިބާގައި ތިރިގައިވާ ޝަރުތުތައް ހުންނަންވާނެއެވެ.

(ހ) ދިވެހި ރައްޔިތެއް ކަމުގައިވުން.

(ށ) އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން.

(ނ) އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު

   ކަމުގައި ނުވުން.

(ރ) މަސްތުވާ ތަކެތީގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

(ބ) ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.

(ޅ) ވޭތުވެދިޔަ 2 (ދޭއް) އަހަރު ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް

   ކަމުގައި ނުވުން.

(ކ) ޚިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

(އ) މުޖްތަމައު ގަބޫލުކުރާ މިންގަނޑުތަކުން އަބުރުވެރި، އަޚުލާގު ރަނގަނޅު މީހެއް ކަމުގައިވުން.

(ވ) ފާއިތުވެދިޔަ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ނޫސް މަޖައްލާ އެއްގައި އެމީހަކު ލިޔުނު އެއްޗަކާބެހޭގޮތުން ޝަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

            އާންމު މެންބަރުންގެ ގޮތުގައި މިނިސްޓަރ ކަނޑައަޅުއްވާ ފަރާތްތައް ކަނޑައެޅުއްވުމުގައި ތިރީގައި މިދަންނަވާ ކަންތައްތަކަށް އިސްކަން ދެވޭނެއެވެ.

(1)   ގާނޫނީ ދާއިރާއިން ނުވަތަ ދިވެހި ބަހުގެ ދާއިރާއަކުން ނުވަތަ އިންސާނީ ހައްގުތަކުގެ ދާއިރާއިން ނުވަތަ ދީނީ އިލްމުގެ ދާއިރާއަކުން މަތީ ތައުލީމު ހާސިލް ކޮށްފައިވުން.

(2)   އިޖުތިމާއީ ތަރައްގީއާއި ދުޅަހެޔޮކަން (ޚާއްސަ ގޮތެއްގައި ކުޑަކުދިންނާއި އަންހެނުންނާ އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވުމުގައި) މަސައްކަތްކޮށްފައިވުން.

             ވީމާ، މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުކަމަށް ވާދަކުރަން އެދޭ ފަރާތްތަކުން 20 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މިމިނިސްޓްރީގެ ވެބްސައިޓްގައިވާ މީޑިއާ ކައުންސިލްގެ އިންތިޚާބުގައި މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު" ފުރުއްވައި، އެފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، މިނިސްޓްރީ އޮފް ޔޫތު އެންޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް ގެ އީމެއިލް:  media@youth.gov.mv އަށް ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅާ ހުރިހާ ލިޔުންތައްވެސް ހުންނަންޖެހޭނީ ޕީޑީއެފް ފޯމެޓަށެވެ.މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު" އަދި "މައްސަލަ ސާފުކުރާ ފޯމު" އެޓޭޗް ކުރެވިފައިވާނެއެވެ.

11 ފެބުރުވަރީ 2025