
މުޖުތަމައު ހޭލުންތެރި ކުރުމަށް ހިންގާ ‘ހޭލުންތެރި މީޑިއާ’ ގެ މާލެ އަތޮޅު ޕްރޮގްރާމް ބުރާސްފަތި ދުވަހު ފަށައިފިއެވެ. މި ޕްރޮރާމުގައި ކ އަތޮޅުގެ ކައުންސިލް އިދާރާތަކުގެ މުވައްޒަފުންނާއި ނޫސްވެރިންގެ އިތުރުން ބައެއް ޖަމިއްޔާތަކުގެ މެންބަރުން ބައިވެރިވެއެވެ.
މިއީ ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާ އިން ކ ތުލުސްދޫގައި މިމަހު 22 އިން 23 އަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ދެ ދުވަހަށް ކުރިއަށް ގެންދާ މި ޓްރެއިނިން ޕްރޮގްރާމްގައި ތުލުސްދޫ، ދިއްފުށި، ހިންމަފުށި، ހުރާ، ގުޅި އަދި މާފުށިން 23 ބައިވެރިވެއެވެ.
މި ޕްރޮގްރާމްގައި ބައިވެރިންނާއި މައުލޫމާތު ހިއްސާކުރާ މައުޟޫތަކުގެ ތެރޭގައި، ނޫސްވެރިކަމާއި ނޫސްވެރިކަމުގެ އަޙްލާޤު، ނޫސްވެރިކަމުގެ ވައްތަރުތަކާއި ލިޔުންތެރިކަމުގެ ވައްތަރުތައް، ދިވެހިރާއްޖޭގެ ތަރައްޤީގައި ނޫސްވެރިންގެ ދައުރު، ތަޙްޤީޤީ ނޫސްވެރިކަން ނުވަތަ އިންވެސްޓިގޭޓިވް ޖާރނަލިޒަމް، އެކި އެކި ފިކުރުތަކާއި ނޫސްވެރިކަން އަދި ނޫސްވެރިކަމުގެ ބަސްމަގު، އަސްލާއެއްގޮތް ހަބަރުތަކާއި އޭއައި ޖެނަރޭޓޭޑް ހަބަރުތަކާއި ގުޅޭގޮތުން މައުލޫމާތުދިނެވެ.
މި ސެޝަންތައް ނަންގަވާ ދެއްވަނީ މުޙައްމަދު ނަޒީފު، އިބްރާހިމް ތައުފީގު، އަޝްރަފު ޢަލީ އަދި ޑރ އިބްރާމް ސަމީރެވެ.
“އަހަންނަކީ ނޫސްވެރިއެއް” ޓްރެއިނިން ޕްރޮގްރާމްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިއުމަކީ މި ވުޒާރާގެ އަމާޒެކެވެ.