ސިވިލް ސޮސައިޓީ އެވޯޑަށް ކުރިމަތިލާން ހުޅުވާލި މުއްދަތު އިތުރުކޮށްފި

07 ނޮވެމްބަރު 2022

ސިވިލް ސޮސައިޓީ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން އިތުރުކޮށްފިއެވެ.
ކުރިން މި އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލީ ނޮވެމްބަރު 10 ވަނަ ދުވަހާ ހަމައަށެވެ. ނަމަވެސް މިހާރު ވަނީ އެ މުއްދަތު މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރު 1:30 އާ ހަމައަށް އިތުރުކޮށްފައެވެ.
އެވޯޑަށް އެދި ނަން ހުށަހެޅޭނީ ދިވެހިރާއްޖޭގެ ޖަމިއްޔާތަކާ ބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްގެން ހިންގާ އަދި ފާއިތުވި ދެ އަހަރު ޖަމިއްޔާތަކުގެ އަހަރީ ރިޕޯޓު ހުށަހަޅަން ޖެހޭ މުއްދަތުގައި ރަޖިސްޓްރާއަށް ހުށަހަޅާފައިވާ ޖަމިއްޔާތަކަށެވެ.
މަދަނީ ޖަމިއްޔާތަކުގެ އެވޯޑަކީ ދިވެހި ރާއްޖޭގެ ޖަމިއްޔާތަކާ ބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްގެން ހިންގާ މަދަނީ ޖަމިއްޔާތަކުން މުޖުތަމައު ބާރުވެރިކުރުވުމުގެ ގޮތުން ހިލޭ ސާބަހަށް ކުރާ މަސައްކަތްތައް ފާހަގަކޮށް އަގު ވަޒަން ކުރުމުގެ ގޮތުން ދޭ އިނާމެކެވެ.
މަދަނީ ޖަމްއިއްޔާތަކުގެ އިނާމަށް ކުރިމަތިލުމުގެ އެޕްލިކޭޝަން ފޯމް ޔޫތު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އިނާމަށް ނަން ހުށަހަޅަން ޖެހޭނީ ކޮންމެ ޖަމިއްޔާ އަކުންވެސް އަމިއްލަ އަށެވެ. އިނާމަށް ނަން ހުށަހަޅާ ފޯމާއެކު އިނާމު ހައްޤުވާ ކަމުގެ ފުރިހަމަ ހެކި ހުށަހަޅަން ޖެހެއެވެ.
ސިވިލް ސޮސައިޓީ އެވޯޑް ދޭނެ ދާއިރާތައް:
- ތަޢުލީމީ ދާއިރާ
- ތިމާވެށީގެ ދާއިރާ
- ޙާއްސަ އެހީގެ ދާއިރާ
- މަސައްކަތްތެރިކަން ކުރިއަރުވާ އާލާކުރުން
- މަސްތުވާތަކެތިން މުޖުތަމަޢު ރައްކާތެރިކުރުން
- ޞިއްޙީ ދާއިރާ އަދި ދުޅަހެޔޮ މުޖުތަމަޢަކަށް މަސައްކަތް ކުރުން
- ދިވެހިންގެ ސަގާފަތާއި އާދަކާދަތަކާއި، ތާރީޚީ ތަރިކަ، ދިވެހިބަސް ދިރުވުން
- ފަންނުވެރިކަން (އާޓްސް) އަދި (އައިސީޓީ) ދާއިރާ ދިރުވައި އާލާކުރުން
- އަންހެނުންނާއި ކުޑަކުދިންނާއި ޒުވާނުންގެ ހައްޤުތައް ހިމާޔަތްކޮށް އެފަރާތްތައް ބާރުވެރިކުރުވުން
- ސްޕެޝަލް ރިކޮގްނިޝަން އެވޯޑް (މުޖުތަމައު ބާރުވެރިކުރުމަށް ކައުންސިލް ނުވަތަ ޖަމްއިއްޔާތަކުން ހިންގާ ޕްރޮގްރާމްގެ ތެރެއިން ޔޫތު މިނިސްޓަރު ދެއްވާ ހާއްސަ އެވޯޑް)