"ރަންތާޖު" ޤުރުއާން މުބާރާތް ލޯންޗުކޮށްފި

02 ޖެނުއަރީ 2023

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އެންމެ އަގުބޮޑު ޤުރުއާން މުބާރާތް "ރަންތާޖު" ލޯންޗުކޮށްފިއެވެ.
މި މުބާރާތަކީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި ރާއްޖެ ޓީވީ ގުޅިގެން ކުރިޔަށްގެންދާ މުބާރާތެކެއެވެ. މުބާރާތް ލޯންޗު ކުރުމުގެ ގޮތުން މިއަދު ވަނީ ރާއްޖެ ޓީވީގައި ޙާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި މުބާރާތް ލޯންޗުކޮށްދެއްވީ ޔޫތު މިނިސްޓަރ އަޙުމަދު މަހްލޫފް އާއި އިސްލާމިކް މިނިސްޓަރ ޑރ.އަޙުމަދު ޒާހިރު ޢަލީއެވެ. އެއަށް ފަހު މުބާރާތުގެ އެއްބަސްވުމުގައި ޔޫތު މިނިސްޓްރީއާއި، އިސްލާމިކް މިނިސްޓްރީ އަދި ރާއްޖެ ޓީވީން ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އަޙުމަދު މަހްލޫފްއެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ސޮއިކުރެއްވިއިރު ރާއްޖެ ޓީވީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖެޓީވީގެ ޑެޕިއުޓީ ސީއޯއޯ ނާޒްމީ ސައީދެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ އޮޑިޝަންގައި ބައިވެރިވުމުގެ ފުރުޞަތު މިއަދުން ފެށިގެން ވަނީ ހުޅުވާލާފައެވެ. މި މުބާރާތުގެ އޮޑިޝަންތައް ރާއްޖޭގެ 10 ސަރަހައްދެއްގައި ކުރިޔަށް ގެންދާނެއެވެ. އަދި 20 ބައިވެރިން އޮޑިޝަންގެ ތެރެއިން ހޮވާނެއެވެ.
މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން (އާރްޓީ ސްޕޭސް، ފުރިހަމަ ނަން، އުމުރު، އައިޑީ ނަންބަރު، އޮޑިޝަން ހަދަން ބޭނުންވާ ސަރަޙައްދު) ޖެހުމަށްފަހު، 450 އެސްއެމްއެސް ކުރުމަށް ވަނީ ހުޅުވާލާފައެވެ. މިއީ 16 އަހަރާއި 45 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ މުބާރާތެކެވެ.
އޮޑިޝަން ކުރިއަށްދާ ސަރަޙައްދުތަކަކީ، އައްޑޫ ސިޓީ ހިތަދޫ، ފުވައްމުލަކު ސިޓީ، ގދ ތިނަދޫ، ލ ގަން، ދ ކުޑަހުވަދޫ، އއ ރަސްދޫ، ބ އޭދަފުށި، ށ ފުނަދޫ، ހދ ކުޅުދުއްފުށި އަދި މާލެ ސިޓީއެވެ.