"މޯލްޑިވްސް ޓެނިސް ޗެލެންޖް 2022" ފެށުމުގެ ރަސްމިއްޔާތު މިނިސްޓަރ ޝަރަފްވެރިކޮށްދެއްވައިފި

16 ނޮވެމްބަރު 2022

ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ ބައިނަލްއަގުވާމީ މުބާރާތް، މޯލްޑިވްސް ޓެނިސް ޗެލެންޖް 2022 ފެށުމުގެ ރަސްމިއްޔާތު މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙުމަދު މަޙްލޫފް ޝަރަފްވެރިކޮށްދެއްވައިފިއެވެ.
ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވޭ ފެންވަރަށް ތަރައްޤީކޮށްފައިވާ މާލޭ ޓެނިސް ސެންޓަރުގައި ބޭއްވި މި ރަސްމިއްޔާތުގައި މިނިސްޓަރ އަޙުމަދު މަޙްލޫފްގެ އިތުރުން ޔޫތް މިނިސްޓްރީގެ އިސްވެރިން އަދި ޓެނިސް އެސޯސިއޭޝަންގެ އިސްވެރިންވެސް ވަނީ ބައިވެރިވަޑައިގެންފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަޙުމަދު މަޙުލޫފު ވިދާޅުވީ މި ޗެލެންޖަކީ ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް އިތުރު ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިވާނެ މުބާރާތެއް ކަމަށެވެ.
މި މުބާރާތް ކުރިޔަށްދާނީ ޖުމްލަ ހަ ޤައުމަކާ އެކުއެވެ. މުބާރާތުގައި ބައިވެރިވާ ޤައުމުތަކަކީ ރާއްޖޭގެ އިތުރުން ބަހްރެއިން، އޮމާން، ތައިލެންޑް، މެލޭޝިއާ އަދި ސްރީ ލަންކާއެވެ.
މުބާރާތް ކުރިޔަށްދާނީ ނޮވެމްބަރ މަހުގެ 15 އިން 21 އަށް މާލޭގައެވެ.