2 ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތް ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި ހަވާލުކޮށްފި

19 ޖެނުއަރީ 2023

2 ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތް ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އާއި ހަވާލުކޮށްފިއެވެ.
ޔޫތު މިނިސްޓްރީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އާއި ހަވާލުކުރީ ރ.ހުޅުދުއްފާރު އަދި ރ.މަޑުއްވަރީ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތް ކުރުމަށެވެ.
ޔޫތު މިނިސްޓްރީގައި ކުރިޔަށްގެންދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތެއްގައި މި 2 ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މިނިސްޓަރ އަޙުމަދު ފުޢާދުއެވެ. އަދި ރޯޑް ކޯޕަރޭޝަންގެ ފަރާތުން މި އެއްބަސްވުުންތަކުގައި ސޮއިކުރެއްވީ، އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ، ޕްރޮކިއުމެންޓް އެންޑް ލޮޖިސްޓިކްސް، ޙަސަން ސަޢީދުއެވެ.
ރ.ހުޅުދުއްފާރު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތް ރޯޑް ކޯޕަރޭޝަނާއި ހަވާލުކުރީ، މަސައްކަތް ފަށާތާ 45 ދުވަސް ތެރޭގައި މި މަސައްކަތް ނިންމަން ޖެހޭގޮތަށެވެ. މި މަސައްކަތުގެ އަގަކީ، 2،593،013.08 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން ރ.މަޑުއްވަރީ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތް ވެސް ރޯޑް ކޯޕަރޭޝަނާއި ހަވާލުކުރީ، 45 ދުވަސް ތެރޭގައި މަސައްކަތް ނިންމަން ޖެހޭގޮތަށެވެ. އަދި މި މަސައްކަތުގެ އަގަކީ 1،706،129.46 މިލިއަން ރުފިޔާއެވެ.