ރ.އުނގޫފާރު ސްޕޯޓްސް އެރީނާ ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތު މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމްގެ ވާހަކަފުޅު

10 އޯގަސްޓް 2017

بســم اللّـه الرّحمـن الرّحيــم


ނިޢުމަތްތަކުގެ ވެރި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރުކުރަން. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ، މިއުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް. މި ޞަލަވާތުގައި އެކަލޭގެފާނުންގެ އިތުރުއާލުންނާއި، މިތުރު ޞަހާބީން ޝާމިލް ކުރަން. އުނގޫފާރު ދާއިރާގެ އިއްޒަތްތެރި މެމްބަރު ޖައުފަރު ދާއޫދު. ރ.އަތޮޅު ކައުންސިލް މެމްބަރުން. އުނގޫފާރު ކައުންސިލް މެމްބަރުން. މުއައްސަސާތަކުގެ އިސްވެރިން. ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަބްދުލް މުހުސިން ހަމީދު. ކަމިޝަނަރ އޮފް ސްޕޯޓްސް އަހުމަދު ނަޝީދު. މި އުފާވެރި ހަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހާ ހާޒިރީން.


السّــلام عليــكم ورحـمــة اللّـه وبـركاتـه،


އާދެ! 22 ހާހަށްވުރެ ގިނަ ރައްޔިތުން ދިރިއުޅެމުންދާ ރ.އަތޮޅަކީ ސަރުކާރުން ނުހަނު އިސްކަމެއްދޭ ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާ އަތޮޅެއް. މިއަތޮޅަކީ ޒުވާނުންގެވެސް ބޮޑު އާބާދީއެއް އޮތް ކުޅިވަރަށް ނުހަނު ލޯބިކުރާ ޒުވާނުންތަކެއް އުޅެމުންދާ އަތޮޅަކަށްވުމުން މިއަތޮޅުގައިވެސް އަޅުގަނޑުގެ މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން. މިރަށުގައި މިރޭ މިހުޅުވޭ ފުޓްސަލް ދަނޑަކީވެސް މީގެ ތެރެއިން އެއް މަސައްކަތް ކަމުގައި ދަންނަވާލަން. ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ ވަސީލަތްތަކާއި ކުޅިވަރު ކުޅޭނެ ސާމާނު ފަސޭހަ ކަމާއިއެކު ލިބޭނެ ގޮތްތައް ތަނަވަސް ވެގެން މިދަނީ ހަރުދަނާ ލީޑަޝިޕެއްގެ ދަށުން މަސައްކަތް ކުރެވެމުންދާތީ. މި ފުރުސަތުގައި ޒުވާނުންނަށް ގެނެސްދެއްވާ ބޮޑެތި ތަރައްގީއަށްޓަކައި އަދުގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަށް ނުހަނު އިހުލާސްތެރި ކަމާއިއެކު ޝުކުރު ދަންނަވަން. އެމަނިކުފާނުގެ މިމަސައްކަތްޕުޅުގައި ހީވާގި ކަމާއިއެކު މަސައްކަތް ކުރައްވަމުންދާ މިދާއިރާގެ އިއްޒަތްތެރި މެމްބަރު ޖައުފަރު ދާއޫދު ކުރައްވަމުންދާ މިންނެތް މަސައްކަތްޕުޅު ފާހަނގަކޮށް ނުހަނު އިހުލާސްތެރި ކަމާއިއެކު ޝުކުރު ދަންނަވަން.


އާދެ! މިރަށަކީވެސް ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން ނުހަނު ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ރަށެއް.



  • މިރޭ މިރަށުގެ ޒުވާނުންނަށްޓަކައި މި ހުޅުވޭ ފުޓްސަލް ދަނޑަކީ މިހާރުވެސް ޒުވާނުން ނުހަނު ބޮޑު ހިންހަމަ ޖެހުމަކާއިއެކު ބޭނުން ކުރަމުންދާ ދަނޑެއް.

  • މިދަނޑު ޤާއިމްކުރުމަށް މިނިސްޓްރީން ވަނީ 1.8 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފަ.

  • ފުޓްސަލް ދަނޑުގެ އިތުރުން މިރަށުގައި ވަނީ އަންހެން ކަނބަލުންނަށް ޚާއްސަކުރެވިގެން ބަށި ކޯޓެއް ޤާއިމްކުރެވިފަ.

  • މީގެ އިތުރުން މިރަށުގައި ހުރި ޒުވާނުންގެ މަރުކަޒަށް ބޮޑެތި މަރާމާތުތައް ކުރެވި ބޭނުން ކުރެވެމުންދާއިރު ފުޓުބޯޅަ ދަނޑުގެ ލައިޓް ޖެހުން ފިޔަވައި ދެންހުރި މަސައްކަތްތައްވެސް ވަނީ ނިންމާލެވިފަ.

  • މިރަށުގެ ޒުވާނުންނަށްޓަކައި އެޅުމަށް ހަމެޖިފައިވާ ވޮލީކޯޓް އިއުލާން ކުރުމަށް މިހާރުވަނީ ކައުންސިލަށް ފޮނުވިފަ.

  • މިފަދަ ބޮޑެތި ހޭދަތަކެއް ޒުވާނުންނަށްޓަކައި ކުރައްވަމުންދާ ގެންދަވާ ކަމަށްޓަކައި ޒުވާނުންގެ ރައީސަށް ނުހަނު އިހުލާސްތެރި ކަމާއިއެކު ޝުކުރު ދަންނަވަން.

  • ރ.އަތޮޅަކީ މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާ އަތޮޅެއް.

  • މިއަތޮޅުގައި މިނިސްޓްރީގެ މަޝްރޫއެއް ނުހިނގައި އަދި ނުނިމި އޮތް އެއްވެސް ރަށެއް ނޯންނާނެ.

  • މިއަތޮޅުގެ 8 ރަށުގައި ފުޓްސަލް ދަނޑުގެ މަސައްކަތް ނިމި ބޭނުން ކުރަމުންދާއިރު ބާކީ ހުރި ރަށްތަކުގައި މިހާރުވެސް މަސައްކަތް ކުރިއަށްދާކަން އުފަލާއިއެކު ފާހަނގަކޮށްލަން.

  • އެރީނާގައި ހިމެނޭ މަޝްރޫއުތައް ރ.އަތޮޅުގައި ހިންގުމަށް ދައުލަތުގެ ބަޖެޓުން މިހާތަނަށް 18 މިލިޔަނަށްވުރެ ގިނަ ރުފިޔާވަނީ ހޭދަކޮށްފަ.

  • ޒުވާނުންނަށްޓަކައި، ޒުވާނުން ބޭނުންވާ ވަސީލަތްތައް ގާއިމްކޮށްދިނުމަށް އެއްވެސް ސަރުކާރަކުން މިފަދަ ބޮޑު ހޭދައެއް ކޮށްފައި ނުވޭ. މިހޭދަ ޒުވާނުންނަށްޓަކައި ކޮށްދެއްވަނީ ރައީސް ޔާމީން. މިސަބަބަށްޓަކައި ރައީސް ޔާމީންއަށް ނުހަނު އިހުލާސްތެރި ކަމާއިއެކު އަދިވެސް އެއްފަހަރު ޝުކުތު ދަންނަވަން.

  • ޤައުމު ބިނާކުރުމުގަ ތިޔައިން ކޮންމެ ޒުވާނެއްގެ، ކޮންމެ ބޭފުޅެއްގެ ދައުރު ވަރަށްވެސް މުހިންމު އަޅުގަނޑުގެ އިލްތިމާސަކީ، ތިޔަ ކޮންމެ ބޭފުޅަކުވެސް، ތިޔަ ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތް މުސްތަޤްބަލުގައި ވެސް ކުރައްވަމުން ގެންދަވައި، އަޅުގަނޑުމެންގެ ޒުވާން ޖީލަށް ނަމޫނާ ދެއްކެވުމުގައި ދެމިތިއްބެވުމައް.

  • އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، މާތްﷲގެ ހެޔޮ ރަޙްމަތާއި ބަރަކާތް މިންވަރު ކުރައްވާށި!


والســّلام عليــكم ورحـمــةاللّـه وبـركاتـه