ރ.އިނގުރައިދޫ ސްޕޯޓްސް އެރީނާ ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތު މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމްގެ ވާހަކަފުޅު
10 އޯގަސްޓް 2017
بســم اللّـه الرّحمـن الرّحيــم
ނިޢުމަތްތަކުގެ ވެރި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރުކުރަން. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ، މިއުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް. މި ޞަލަވާތުގައި އެކަލޭގެފާނުންގެ އިތުރުއާލުންނާއި، މިތުރު ޞަހާބީން ޝާމިލް ކުރަން. އިނގުރައިދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އިބްރާހިމް ފަލާހް. އިނގުރައިދޫ ކައުންސިލްގެ އިސްބޭފުޅުން. މުވައްސަސާތަކުގެ އިސްވެރިން. ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަބްދުލް މުހުސިން ހަމީދު. ކަމިޝަނަރ އޮފް ސްޕޯޓްސް އަހުމަދު ނަޝީދު. މި އުފާވެރި ހަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހާ ހާޒިރީން.
السّــلام عليــكم ورحـمــة اللّـه وبـركاتـه،
އާދެ! ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން މިއަދު އިނގުރައިދޫގައި ހުޅުވިގެން މިދާ ފުޓްސަލް ދަނޑަކީ މިރަށުގެ ޒުވާނުންނަށް ހާއްސަކޮށްގެން ހުޅުވިގެންދާ ދަނޑެއް. އެންމެ ޒަމާނީ ފެންވަރަށް ރޭގަނޑާއި ދުވާލުވެސް ކުޅެވޭގޮތައް ތައްޔާރުކުރެވިފައިވާ މިދަނޑަކީ މިހާރުވެސް ގިނަ ޒުވާނުންތަކެއް ބޭނުން ކުރަމުންދާ ދަނޑެއްކަން އުފަލާއިއެކު ފާހަގަކުރަން. މިފުރުސަތުގައި މިފަދަ ވަސީލަތްތައް ޒުވާނުންނަށް ތަނަވަސް ކޮށްދެއްވާ ކަމަށްޓަކައި އަދުގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމަށް ނުހަނު އިހުލާސްތެރި ކަމާއިއެކު ޝުކުރު ދަންނަވަން. އަދި ހަމަ އެހެންމެ މިރަށަށް އަދި މިދާއިރާއަށް ތަރައްގީ ގެނެސް ދެއްވުމަށް ތިޔަބޭފުޅުންގެ ހީވާގި މެމްބަރު ކުރައްވާ ބުރަ މަސައްކަތްޕުޅު ފާހަގަކޮށް ނުހަނު އިހުލާސްތެރި ކަމާއިއެކު މެމްބަރު ފަލާހަށްވެސް ޝުކުރު ދަންނަވަން.
އާދެ! މިރަށަށް ބަލައިލި ކަމުގައިވީނަމަވެސް މީގެ ކުރިން މިރަށުގެ ޒުވާނުންނަށް ބޭނުންވެ އެހެންނަމަވެސް ނުލިބި ހުރި ގިނަ ކުޅިވަރުގެ ވަސީލަތްތައް ގާއިމް ކޮށްދިނުމަށް ބޮޑެތި މަސައްކަތްތަކެއް ރައީސް ޔާމީން ވަނީ ފައްޓަވާދެއްވާފަ.
- ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން މިރަށުގައި މިއަދު މި ހުޅުވޭ ފުޓްސަލް ދަނޑުގެ އިތުން އަންހެން ކަނބަލުންނަށް ބަށި ކޯޓެއް ވަނީ އަޅައިދެވިފަ.
- މި ވަސީލަތްތައް ގާއިމް ކޮށްދިނުމަށް ދައުލަތުގެ ބަޖެޓުން 2 މިލިޔަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފަ.
- މީގެ އިތުރުން މިރަށުގައި ވޮލީ ކޯޓެއް އެޅުމަށްޓަކައި ކައުންސިލުން އިއުލާންކުރުމަށް މިހާރު ވާނީ ފޮނުވާލެވިފަ.
- އެރީނާގައި ހިމެނޭ އެހެނިހެން ވަސީލަތްތައް މިރަށުގައި ގާއިމް ކުރުމަށް ވަނީ ރޭވިފަ.
- މިރަށުގެ ޒުވާނުންނަކީވެސް ހުސްވަގުތުތަކުގައި މިވަސީލަތްތަކުގެ ބޭނުންކުރާ ޒިންމާދާރު ޒުވާނުންތަކެއް ދިރިއުޅޭ ރަށެއްގެ ގޮތުގައި ވެގެންދާނެ ކަމަށް އުންމީދުކުރަން.
- ޒުވާނުންނަށްޓަކައި މިފަދަ އުންމީދީ މަސައްކަތްތަކެއް ރައީސް ޔާމީން ކުރައްވަމުން މިގެންދަވަނީ ޒުވާނުންނާއިމެދު އެމަނިކުފާނު ކުރައްވާ އުންމީދުވެސް ބޮޑުވާތީ.
- ކުޅިވަރުގައިވެސް އަދި އާންމު ދިރިއުޅުމުގައިވެސް ޒުވާނުންނަކީ ބޭނުންތެރި ރީތި އަހުލާގެއްގެ ވަރި ބަޔަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް.
- އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިންވެސް ދިވެހި ޒުވާނުންނަށް، ރާއްޖޭގެ މުސްތަގުބަލަށް ރައީސުލް ޖުމްހޫރިއްޔާ ގެނެސްދެއްވާ ތަރައްގީއަށްޓަކައި ނުހަނު އިހުލާސްތެރިކަމާއިއެކު ޝުކުރު ދަންނަވަން. އަދި ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް މިވީ ކުރު މުއްދަތުގެ ތެރޭގައި ގެނެސްދެއްވި އިންގިލާބީ ހެޔޮ ބަދަލުތަކަށްޓަކައި އެމަނިކުފާނަށް ކުޅިވަރުގެ އައިލާގެ ނަމުގައާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ނުހަނު އިހުލާސްތެރިކަމާއިއެކު ޝުކުރު ދަންނަވަން.
- ރާއްޖޭގެ ތަރައްގީއަށް ރާއްޖޭގެ ކުރިއެރުމަށް މިއަދު ގެނެސްދެވޭ ބަދަލުތަކަކީ ދިވެހި ޒުވާނުންގެ މުސްތަގުބަލަށްޓަކައި، ޒުވާނުންގެ އުންމީދުތަކަށްޓަކައި ގެނުވޭ ބަދަލުތަކެއް. އަޅުގަނޑުގެ ވާހަކަ ނިންމާލާނީ މިއަތޮޅުގެ ޒުވާނުންނަށް، މިއަތޮޅުގެ ރަށްޔިތުންނަށް އަދި މިރަށާއި، ރާއްޖޭގެ އެންމެހާ ޒުވާނުންނާއި ރައްޔިތުންނަށް އުފާފާގަތި ދުވަސްތަކަކަށް އެދެމުން. އެންމެހާ ބޭފުޅުންނަށްވެސް ބާއްޖަވެރި ދުވަހަކަށް އެދެމުން ވަކިވެލަން.
ولسّــلام عليــكم ورحـمــة اللّـه وبـركاتـه،