"ފަސް ވަނަ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2017" މުބާރާތް ފެށުމުގެ ރަސްމިއްޔާތު މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމްގެ ވާހަކަފުޅު

11 އޯގަސްޓް 2017

بســم اللّـه الرّحمـن الرّحيــم


ނިޢުމަތްތަކުގެ ވެރި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރުކުރަން. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ، މިއުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް. މި ޞަލަވާތުގައި އެކަލޭގެފާނުންގެ އިތުރުއާލުންނާއި، މިތުރު ޞަހާބީން ޝާމިލް ކުރަން.


ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ރައީސް ޢަލީ ރަޝީދު. ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަބްދުﷲ ރިފާޢު. އެމް.އެން.ޔޫ.އެސް.ޔޫ ގެ އެންމެހާ އިސްވެރިން. މުއައްސަސާތަކުގެ އިސްވެރިން. މި އުފާވެރި ހަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހާ ހާޒިރީން.


السّــلام عليــكم ورحـمــة اللّـه وبـركاتـه،


އާދެ! ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ޖަމްޢިއްޔާއިން 2013 ވަނައަހަރުން ފެށިގެން އިސްނަގައިގެން ކޮލެޖް/ޔުނިވަރސިޓީ/ހައި ސްކޫލްތަކުގެ މެދުގައި ހިންގަމުން އަންނަ ފުޓްސަލް މުބާރާތަކީ އެއްވެސް ޝައްކެއް ނެތްގޮތުގައި ދަރިވަރުންގެ މެދުގައި މިހާތަނަށް ބާއްވަމުން އަންނަ މުބާރާތްތަކުގެތެރެއިން ފާހަގަކޮށްލެވޭ ފުޓްސަލް މުބާރާތެއް.  އަހަރަކަށްފަހު އަހަރެއް މިދަނީ މި މުބާރާތުގެ މަޤްބޫލުކަން އިތުރުވެ ދަރިވަރުންގެ ބައިވެރިވުންވެސް އިތުރުވެފަ. މިއީ ފުޓްސަލް ޢާއިލާއަށް ލިބިގެންދާ އިތުރު ކުރިއެރުންތަކެއްކަމަށް ވީހިނދު މިފުރުސަތުގައި މިކަން އަޅުގަނޑު އުފަލާއެކު ފާހަގަކޮށްލަން. ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރެވިގެންދިއުމާއި ކުޅިވަރު ކުޅޭނެ ސާމާނު ފަސޭހަކަމާއިއެކު ލިބޭނެގޮތްތައް ތަނަވަސްވެގެން މިދަނީ ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ހަރުދަނާ ލީޑަރޝިޕްގެ ދަށުން ކުރެވިފައިވާ ބުރަ މަސައްކަތްތަކުގެ ސަބަބުންކަމަށް ދެބަސްވާނެ އެއްވެސް ދިވެހި ރައްޔިތަކު ނުހުންނާނެ. މިފުރުސަތުގައި ޒުވާނުންގެ ކުރިއެރުވުމުގައި އެމަނިކުފާނު ކުރައްވާ މުހިންމު އެހާމެ ބުރަ މަސައްކަތްޕުޅުތަކަށްޓަކައި ވަރަށް އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން.


 


އާދެ! މިމުބާރާތް ރަސްމީކޮށް ފެށުމުގެގޮތުން މިރޭ މިބޭއްވިގެންދާ ޙަފްލާ ކުރިޔަށްދާއިރު، މި މުބާރާތުގައި ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީތަކުން 9 ޓީމާއި ދިވެހިރާއްޖޭގެ ހިންގަމުންގެންދާ ކޮލެޖް/ޔުނިވަރސިޓީތަކުން 9 ޓީމާއެކު ޖުމްލަ 18 ޓީމް މިވަނީ ބައިވެރިވެފަ. ދަރިވަރުންގެ އަދަދަށް ބަލާއިރު 200 އެއްހާ ދަރިވަރުންގެ ބައިވެރިވުމެއް މިފަދަ މުބާރާތަކަށް ލިބިގެންދިއުމަކީ އަޅުގަނޑު ވަރަށް ފަޚުރުވެރިވާކަމެއް. މިއަދު ދަރިވަރުން މި ސާބިތުކޮށްދެނީ އެކުދިންގެ ހުސްވަގުތުތައް ހެޔޮގޮތުގައި ބޭނުންކުރުމަށް މިފަދަ ފަހިފުރުސަތުތަކުގެ ބޭނުން ހިފާ މިންވަރު. އެހެންކަމުން މި މުބާރާތް އިންތިޒާމް ކުރައްވާ ފަރާތްކަމުގައިވާ އެމް.އެން.ޔޫ.އެސް.ޔޫ އަށް ވަރަށް އިޚްލާސްތެރިކަމާއިއެކު ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ގެ ނަންފުޅުގައާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން.


މި މުބާރާތުގު މެއިން "ސްޕޮންސަރ" އެމް.ޕީ.އެލް އަދި "ކޯ ސްޕޮންސަރ" ތިލަފުށި ކޯޕަރޭޝަން ފަދަ ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ އެހީތެރިކަން މިފަދަ މުބާރާތްތަކަށް ލިބުމަކީ ދިވެހި ސަރުކާރުން ހަމަ ޔަޤީނުންވެސް ޒުވާނުންނަށްދޭ އަހައްމިޔަތުކަން ހާމަވެގެންދާ ކަމެއް. ވޭދުވެދިޔަ ތާރީޚުގައި ޒުވާނުންގެ ތަރައްޤީއާއި ކުރިއެރުމަށް މިފަދަ ބޮޑު އިންޤިލާބެއް ގެނުވައިދިން ސަރުކާރެއް ނެތް. މީ އަޅުގަނޑުމެން އެންމެން މިއަދު ރައީސް ޔާމީން އަށް ފަޚުރުވެރިވާ އެއް ސަބަބު. ބަލާލި ކޮންމެ ދިމާލަކުން މިއަދު ފެނިގެންމިދަނީ ޒުވާނުންގެ ކުރިއެރުމަށް ބޮޑެތި ހޭދަތަކެއް ދައުލަތުން ކުރަމުން އަންނަ މަންޒަރު. އެގޮތުން ޔޫތު މިނިސްޓްރީގެ ބަޖެޓުން އެތައް މިލިޔަން ރުފިޔާތަކެއް މިހާތަނަށް ޒުވާނުންނަށްޓަކައި ވަނީ ހޭދަކުރެވިފަ. އަދި މީގެ އިތުރުންވެސް ދައުލަތުގެ ހުރިހާ ގުނަވަންތަކުން ޒުވާނުންގެ ބާރުވެރިކަމާއި ކުރިއެރުމަށް ކުރާ ބުރަ މަސައްކަތް އަޅުގަނޑު ވަރަށް އުފަލާއެކު ފާހަގަކޮށްލަން.


ލޮބުވެތި ދަރިވަރުން! މިއަދު ކޮންމެ ކުއްޖަކީ ޤައުމުގެ މުސްތަޤުބަލް. މާތްވެގެންވާ އިސްލާމްދީނާއި  މިޤައުމުގެ ޤައުމިއްޔަތާ މުޅި މުޖްތަމަޢުއަށް ފައިދާހުރި ބަޔަކަށް ވުމަށް އިލްތިމާސްކުރަން. ކުޅިވަރުގެ މައިދާނުގައި ތިޔަދައްކާ ރިވެތި އަޚުލާގާއި ހުނަރުވެރިކަން ބައިނަލް އަޤްވާމީ މައިދާނަށް ވާސިލުވުމަކީ ހަމަ ޔަޤީނުންވެސް ޤައުމާއި ތިޔަކުދިންގެ މުސްތަޤުބަލް އުޖާލާވެގެންދާނެ ކަމެއް. ކޮންމެ ކުއްޖަކީވެސް ޤައުމުގެ ފަޚުރަކަށް ވެވޭނެ ކުއްޖެއްކަމާއިމެދު އަޅުގަނޑު ޝައްކެއް ނުކުރަން. އެހެންކަމުން ތިޔަ ލޮބުވެތި ދަރިވަރުން ކުރިޔަށްއޮތްތަނުގައި ކޮންމެ ދާއިރާއަކުން ޚިދުމަތް ކުރިކަމުގައިވީނަމަވެސް މުޖްތަމަޢުއަށް ފައިދާހުރި ބައެއްގެގޮތުގައި ކުރިޔަށްދިއުމަށް އިލްތިމާސްކުރަން.


އަޅުގަނޑުގެ ވާހަކަ ނިންމާލާނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަބްދުﷲ ރިފާޢު ޒުވާނުންނަށް އަމާޒްކޮށްގެން ހިންގޭ ގިނަ ޕްރޮގްރާމްތަކަށް ދެއްވާ އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކޮށް އެމަނިކުފާނަށް ވަރަށް އިޚުލާސްތެރި ޝުކުރެއް ދަންނަވަމުން.


މާތް ﷲ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ބަރަކާތް ލައްވަވާ ހެޔޮ ތަޢުފީޤް ދެއްވާށި! 


والســّلام عليــكم ورحـمــةاللّـه وبـركاتـه