އައްޑޫ ސިޓީ ފޭދޫ އިންޑޯ ކޮމްޕްލެކްސް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމާއި ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ދެއްކެވި ވާހަކަފުޅު

04 އޭޕްރިލް 2017

بســم اللّـه الرّحمـن الرّحيــم


 ނިޢުމަތްތަކުގެ ވެރި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރުކުރަން. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ، މިއުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް. މި ޞަލަވާތުގައި އެކަލޭގެފާނުންގެ އިތުރުއާލުންނާއި، މިތުރު ޞަހާބީން ޝާމިލް ކުރަން. އައްޑޫ ސިޓީ ފޭދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ އިބްރާހިމް ދީދީ، (އާދެ! ތިޔަ އެންމެހާ ޒުވާނުންނާއި ރައްޔިތުންގެ އައި.ބީ). އައްޑޫ ސިޓީގެ އެންމެހާ ލޮބުވެތި ޒުވާނުންނާއި ރައްޔިތުން. ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުންނާއި ކަނބަލުން.


السّــلام عليــكم ورحـمــة اللّـه وبـركاتـه،



  • އާދެ! މިއަދަކީ އައްޑޫ ސިޓީ ފޭދޫ ޒުވާނުންނަށް ވަރަށް އުފާވެރި އެހާމެ އުންމީދީ ދުވަހެއް. ވަކިން ޚާއްސަކޮށް އައްޑޫ ސިޓީގެ ކުޅިވަރު ޢާއިލާއަށް ވަރަށްވެސް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާ ދުވަހެއް.

  • އައްޑޫ ސިޓީއަކީ ދިވެހި ރާއްޖޭގެ ނިސްބަތުން ބޮޑު އާބާދީއެއް އޮންނަ އަތޮޅަކަށްވެފައި ވަކިން ޚާއްސަކޮށް ފޭދޫ ޒުވާނުންނަށް ފުރިހަމަ ސިއްޙަތާއި ދުޅަހެޔޮކަން، އަދި ހަމައެހެންމެ ކުޅިވަރުގެ ވާދަވެރިކަން އާލާކުރެއްވުމަށް ދިވެހި ރާއްޖޭގެ ރައްޔިތުން އެ ރައީސަކަށްޓަކައި ފަޚުރުވެރިވާ، އަޅުގަނޑުމެންގެ ލޮބުވެތި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މިވަނީ، އާދެ! އަނެއްކާވެސް ވަރަށްވެސް ބޮޑު ހަދިޔާއެއް ފޭދޫ ޒުވާނުންނަށް ދެއްވާފަ.

  • އަޅުގަނޑުމެން މިއަދު މި އުފާކުރަނީ އައްޑޫ ސިޓީ ފޭދޫ ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ވަސީލަތްތަކާއި ކަސްރަތުކުރެވޭނެ އިންތިޒާމް އަދުގެ ރައީސުލް ޖުމްހޫރިއްޔާ ހަމަޖައްސަވައިދެއްވުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅުތަކުގައި ތަޞައްވަރުގެ ކުލަޖެހެމުން އަންނަކަމުގެ އުފާ.

  • މީގެ ކުރިން ދިވެހި ޒުވާނުންނަށް އަމާޒްކޮށްގެން ހިންގިފައިނުވާ ކުޅިވަރާއި އަދި އެނޫންވެސް އެތަކެއް ގިނަގުނަ މަޝްރޫޢުތަކެއް ވޭތުވެދިޔަ ތިން އަހަރުގައި ވަނީ ކުރެވިފައި.

  • ވަކިން ޚާއްސަކޮށް ރާއްޖޭގެ ކޮންމެ ރަށެއްގައި ސްޕޯޓްސް އެރީނާއެއް ޤާއިމްކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވާ އެފަދަ ބޮޑު ބިޔަ މަޝްރޫޢުތަކެއް ހިންގަން ކެރިވަޑައިގެންނެވީ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އޭ އަޅުގަނޑު ދަންނަވާނީ.

  • އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު މިރަށުގެ ޒުވާނުންގެ ޙައްގުގައި ޕްލޭނެއް އެކުލަވާލައްވާ ޒުވާނުންނަށް ބޭނުންވާ ކަންކަމާއި، އެ ޒުވާނުންގެ އިޙްސާސްތައް ވަރަށް ކައިރިން ބެއްލެވި. ނަތީޖާއެއްގެ ގޮތުން ޒުވާނުންނަށް އެންމެ ފުރަތަމަވެސް ދެއްވި ހަދިޔާއަކީ ވަޒީފާގެ ފުރުސަތު. މީ އަޅުގަނޑުމެން އެއްވެސް ރައްޔިތަކު ދެބަސްވާނެ ކަމެއްނޫނޫ.

  • އާދެ! މިއަދު އައްޑޫ ސިޓީ ފޭދޫ ސްޕޯޓްސް ކޮމްޕްލެކްސް ޤާއިމްކުރުމަށްޓަކައި ވިމްލާ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑް އާއިއެކު މިވަނީ އެއްބަސްވުމުގައި ސޮއިކުރެވިފަ. އަޅުގަނޑު ވަރަށް ބޮޑަށް އެދެން އެގްރީމެންޓްގައިވާގޮތަށް މިމަސައްކަތް މިއަހަރުގެ އޮކްޓޯބަރގެ ނިޔަލަށް ނިންމަވާލަދެއްވުމަށް.

  • ދައުލަތުގެ ބަޖެޓުން 4.5 މިލިއަން ދިވެހި ރުފިޔާއަށްވުރެން ގިނަރުފިޔާ ޚަރަދުކޮށްގެން ޤާއިމް ކުރުމަށް ރޭވިފައިވާ، އާދެ! މި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއަކީ ދިވެހި ޒުވާނުންގެ އަތުން އެއްވެސް ފީއެއް ނެގުމަކާއިނުލާ ދިވެހި ކޮންމެ ދަރިއަކަށް ބޭނުންކުރެވޭނެ ކޮމްޕްލެކްސްއެއް. މިއީ ހަމަ ޔަގީނުންވެސް ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ މިރަށުގެ ޒުވާނުންނަށް ދެއްވާ ވަރަށްވެސް އަގުބޮޑު ހަދިޔާއެއް.

  • މިތަނަކީ އެންމެ ޒަމާނީ ފެންވަރެއްގައި އިމާރާތްކުރެވި އެއްފުރާޅެއްގެ ދަށުން ތަފާތު އެކިއެކި އާދެ! ވަރަށްވެސް ގިނަ ކުޅިވަރުތަކެއް ކުޅެވޭނެ އިންތިޒާމުތަކާއިއެކު ހުޅުވިގެންދާ ތަނެއް.

  • އައްޑޫ ސިޓީ ފޭދޫގައި ޒުވާނުންނަށް އަމާޒްކޮށްގެން ދިވެހި ސަރުކާރުން އަންނަނީ ބޮޑެތި ހޭދަތަކެއް ކުރަމުން.

  • ސްޕޯޓްސް އެރީނާގެ ދަށުން ރާއްޖޭގައި އެންމެފުރަތަމަ ޤާއިމްކުރެވުނު ފުޓްސަލް ދަނޑުތަކުގެ ތެރެއިން މިރަށުގައިވެސް ވަނީ ފުޓްސަލް ދަނޑެއް ޤާއިމްކުރެވިފައި.

  • އަދި ދާދި ފަހުން ދައުލަތުންވަނީ އެތަކެއް ލައްކަ ގިނަ ދިވެހި ރުފިޔާ ޚަރަދުކޮށްގެން މިރަށުގެ ފުޓްސަލް ދަނޑު މަރާމާތުކޮށްފަ.

  • ސްޕޯޓްސް އެރީނާ ބަށިކޯޓު، ނެޓްބޯޅަކޯޓުގެ މަސައްކަތް އަޅުގަނޑުމެންވާނީ އަންނަ އަހަރަށް ޕްލޭން ކޮށްފަ. އަދި އިންޑޯ ކޮމްޕްލެކްސް އާއި، ސްޕޯޓްސް އެރީނާގެ އެންމެހާ ކޯޓުތައް ޤާއިމްކޮށް ނިމިގެންދާއިރު މާތް ﷲގެ ވާގިފުޅާއެކު އަޅުގަނޑުމެން އާދެ! މި އެރީނާގެ ވަށާފާރު ރޭނުމާއި ފެންސްޖެހުންވެސް ނިމިގެންދާނެ!

  • އައްޑޫ ސިޓީގެ ޒުވާނުންގެ ތަރައްޤީއަށް މިހާތަނަށް ހިންގުނު މަޝްރޫއުތަކުގެ އަގުމިވަނީ 65 މިލިއަނަށްވުރެން މައްޗަށް އަރާފަ. މިއީ ސަރުކާރުން ދިވެހި ޒުވާނުންގެ ތަރައްޤީއަށް އެއް އަތޮޅަކަށް ބަލާއިރު ކޮށްފައިވާ ބޮޑު ހޭދައެއް.

  • މިކަމަށްޓަކައި ރާއްޖޭގެ ރައިސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަށް އަޅުގަނޑުމެން އެންމެން ފަޚުރުވެރިވަން. އަދި ހިތުގެ އެންމެ އަޑިން ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން.

  • މީގެ އިތުރުން ދާދިފަހުން، އާދެ! މިދިޔަ މަހުގެ 16 އިން 17 އަށް އަޅުގަނޑުމެންވާނީ އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް ދަތުރުކޮށް ޒުވާނުންގެ މަރުކަޒުތަކަށް ޒިޔާރަތްކޮށްފަ. އަދި ހުރިހާ ރަށެއްގެ ޒުވާނުންނާއިވެސް އަޅުގަނޑު ބައްދަލުކޮށްލިން. ކުޅިވަރުގެ މަޝްރޫޢުތައް ހިންގެވުމަށް އައްޑޫ ސިޓީއަށް 36 ބިމެއް މިނިސްޓްރީގެދަށަށް ރަޖިސްޓްރީވެފައިވާކަމުގެ އުފާވެރި ޚަބަރުވެސް ޒުވާނުންނާއި ހިއްސާކުރެވުނު.

  • އެއަށްފަހު ދާދި ފަހުން ސަރުކާރުގެ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީ ހިތަދޫ، ހުޅުދޫ އަދި މީދޫގައި 11 ކުޅިވަރު ވަސީލަތެއް ގާއިމްކުރުމުގެ އެއްބަސްވުމުގައި މިވަނީ ސޮއިކުރެވިފަ.

  • އެހެންކަމުން އަޅުގަނޑު ދަންނަވާނީ މިއަތޮޅުގެ ޒުވާނުންނަށްޓަކައި ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާގެ ޚިޔާލުފުޅާއި މަޝްވަރާގެ ދަށުން އަދި ވަކިން ޚާއްސަކޮށް އެމަނިކުފާނުގެ ކުޅިވަރު މެނިފެސްޓޯ ތަންފީޒް ކުރުމުގައި އަޅުގަނޑުމެން މިތިބީ ވަރަށް ސާބިތުކަމާއިއެކީގައޭ. އަދި އެމަނިކުފާނުވަނީ އެއްވެސް އަތޮޅެއް އަދި އެއްވެސް ރަށެއް އިސްތިސްނާނުވާގޮތަށް މި މަޝްރޫޢު ހިންގުމަށް އިރުޝާދުދެއްވާފަ. މިއީ ރައީސް ޔާމީންގެ އަމާޒެއް އިނގޭތޯ! އަދި ވައުދެއްވެސްމެ!

  • އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިންވެސް ދިވެހި ޒުވާނުންނަށް، ރާއްޖޭގެ މުސްތަގުބަލަށް ރައީސުލް ޖުމްހޫރިއްޔާ ގެނެސްދެއްވާ ތަރައްޤީއަށްޓަކައި ނުހަނު އިޚުލާސްތެރިކަމާއިއެކު ޝުކުރު ދަންނަވަން. އަދި ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް މިވީ ކުރު މުއްދަތުގެ ތެރޭގައި ގެނެސްދެއްވި އިންގިލާބީ ހެޔޮ ބަދަލުތަކަށްޓަކައި އެމަނިކުފާނަށް ކުޅިވަރުގެ އައިލާގެ ނަމުގައާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ނުހަނު އިޚުލާސްތެރިކަމާއިއެކު ޝުކުރު ދަންނަވަން. ރާއްޖޭގެ ތަރައްޤީއަށް ރާއްޖޭގެ ކުރިއެރުމަށް މިއަދު ގެނެސްދެވޭ ބަދަލުތަކަކީ ދިވެހި ޒުވާނުންގެ މުސްތަގުބަލަށްޓަކައި، ޒުވާނުންގެ އުންމީދުތަކަށްޓަކައި ގެނުވޭ ބަދަލުތަކެއް.

  • އަޅުގަނޑުގެ ނިންމާލުމުގެ ކުރިން ފޭދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ އިބްރާހިމް ދީދީ (އައިބީ) ކުރައްވާ މިންނެތް އަދި އިޚުލާސްތެރި މަސައްކަތްޕުޅަށް ނުހަނު އިޚުލާސްތެރިކަމާއިއެކު ޝުކުރު ދަންނަވަން. އަދި މި މަސައްކަތުގައި އެމަނިކުފާނަށް އެހީތެރިކަން ދެއްވާ އެންމެހާ ރައްޔިތުން އާދެ! ވަކިން ޚާއްސަކޮށް މިދާއިރާގެ ޒުވާނުންގެ ފަރާތުން ލިބިލައްވާ އެހީތެރިކަމަށްޓަކައި ދާއިރާގެ ލޮބުވެތި ރައްޔިތުންނާއި ޒުވާނުންނަށް އައްސަރިބަހާ ސާބަސް ދަންނަވާ ވަރަށް އިޚްލާސްތެރި ޝުކުރެއް ދަންނަވަން.

  • އައްޑޫ ސިޓީގެ ޒުވާނުންގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި މިނިސްޓްރީ އިން ކުރަންޖެހުނު ކޮންމެކަމެއް ސާބިތުކަމާއިއެކު ތިޔަލޮބުވެތި ޒުވާނުންނަށް ކޮށްދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން.



  • އެންމެހާ ބޭފުޅުންނާއި ކަނބަލުންނަށް ވަރަށް އުފާވެރި ބާއްޖަވެރި ދުވަހަކައް އެދެން.


ولسّــلام عليــكم ورحـمــة اللّـه وبـركاتـه،