ސްޕޯޓްސް އެރީނާ ކ.ގުރައިދޫ ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތު މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމްގެ ވާހަކަފުޅު

03 މެއި 2017

بســم اللّـه الرّحمـن الرّحيــم


ނިޢުމަތްތަކުގެ ވެރި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރުކުރަން. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ، މިއުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް. މި ޞަލަވާތުގައި އެކަލޭގެފާނުންގެ އިތުރުއާލުންނާއި، މިތުރު ޞަހާބީން ޝާމިލް ކުރަން. ގުރައިދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އިބްރާހިމް ރިޒާ. ގުރައީދޫގެ ހިންގުންތެރި ކައުންސިލް މެމްބަރުން. މި ރަސްމިއްޔާތަށް ވަޑައިގެންނެވި މިރަށުގެ އެންމެހާ ލޮބުވެތި ރައްޔިތުން. ދުރާއި ގާތުން މި ހަފްލާ ބައްލަވާ އެންމެހާ ބޭފުޅުން.


السّــلام عليــكم ورحـمــة اللّـه وبـركاتـه،



  • އާދެ! މިއަދުގެ މިރަސްމިއްޔާތަކީ ގުރައިދޫގެ ޒުވާނުންނަށްޓަކައި އަދި މިރަށުގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށްޓަކައި ރައީސް ޔާމީންގެ ވައުދުފުޅެއް ތަންފީޒު ކުރެވިގެންދާ ދުވަސް.

  • މިފަދަ ފަހި ފުރުސަތުތައް ޒުވާނުންނަށް ތަނަވަސްކޮށްދެއްވާ ކަމަށްޓަކައި ނުހަނު އިހުލާސްތެރި ކަމާއިއެކު އަދުގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް ޝުކުރުދަންނަވަން.

  • މިފުޓްސަލް ދަނޑަކީ މިރަށުގެ ޒުވާނުންނަށްޓަކައި ދައުލަތުގެ ބަޖެޓުން 1.8 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޙަރަދުކޮށްގެން ގާއިމްކޮށްފައިވާ ދަނޑެއް.

  • މިދަނޑަކީ އެންމެ ޒަމާނީ ފެންވަރެއްގައި ޓާފްއަޅައި ލައިޓް ޖެހި ދުވާލާއި ރޭގަނޑުގައިވެސް ބޭނުންކުރެވޭ ގޮތަށް ޒުވާނުންނަށް ހުޅުވާލެވޭ ދަނޑެއް.

  • ފުޓްސަލް ދަނޑެއްގެ އިތުރުން ޒުވާނުންގެ މަރުކަޒަކާއި އަންހެން ކަނބަލުންނަށް ބަށި ކޯޓެއްވެސް މިރަށުގައި ވަނީ ގާއިމް ކުރެވިފަ. އެރީނާގައި ހިމެނޭ އެހެނިހެން މަސައްކަތްތައްވެސް މިރަށުގައި ނިންމާލެވިގެންދާނެ.

  • ގުރައިދޫގައި މިހާތަނަށް ގާއިމްކުރެވިފައިވާ ކުޅިވަރުގެ ވަސީލަތައްތަކަށް އެކަނި ދައުލަތުގެ ބަޖެޓުން ވަނީ 3 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފަ.

  • އާދެ! ސަރުކާރުން މިފަދަ ވަސީލަތްތައް ގާއިމް ކުރަމުންދަނީ ޒުވާނުންނަށްޓަކައި. ޒުވާނުންގެ ހަމަޖެހުމާއި ޒުވާނުންގެ މުސްތަގުބަލަށްޓަކައި.

  • ރާއްޖޭގެ މާޒީވި ތާރީހުގައި ޒުވާނުންނާއި ގުޅުންހުރި މިފަދަ ތަރައްގީގެ މަޝްރޫޢުތައް ނުފެނުނު ކަމުގައި ވީނަމަވެސް މިއަދު މިކަންކަން ތަންފީޒު ވަމުން މިދަނީ ހަރުދަނާ ލީޑަރެއްގެ ފަހަތްޕުޅުގައި ގައުމުގެ ޒުވާނުން ތިއްބެވުން.

  • ޒުވާނުންނަށް މިފަދަ ފަހި ފުރުސަތުތައް ގެނެސްދެވޭނީ ސަރުކާރާއި ގުޅިގެން. އެރަށެއްގައިވެސް ސަރުކާރުގެ މެނިފެސްޓޯ ތަންފީޒުކުރާ ކައުންސިލެއް އޮވެގެން.

  • ރައީސުލް ޖުމްހޫރިއްޔާގެ މެނިފެސްޓޯ ތަންފީޒު ކުރުމުގައި ސަރުކާރުގެ ވުޒާރާތަކުން ކެނޑިނޭޅި މަސައްކަތް ކުރަމުންދިޔަ ނަމަވެސް ބައެއް ރަށްރަށުގައި އޮންނަ ކައުންސިލްތަކުން ރަށުގެ ތަރައްގީއަށް ހިންގަން މަސައްކަތް ކުރާ މަޝްރޫޢުތައް ހުއްޓުވުމަކީ ބަލައި ގަނެވޭނެ ކަމެއްނޫން.

  • މިފަދަ ހުރަސްތަކުގެ ސަބަބުން ހުއްޓިގެންދަނީ ރަށްތަކުގައި ދިރިއުޅޭ މައުސޫމް ރައްޔިތުންގެ ތަރައްގީ. އެރަށެއްގެ ކުރިއެރުން. މިސަބަބުތަކަށްޓަކައި ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ތަރައްގީ ގާއިމްކުރާ ފަރާތްތަކަށް ފުރުސަތުދޭން އަޅުގަނޑު ގޮވާލަން.

  • އާދެ! ގުރައިދުއެކޭ އެއްގޮތަށް ކ.އަތޮޅުގެ އެހެން ރަށްތަކަކީވެސް ސަރުކާރުން ނުހަނު ބޮޑު ސަމާލުކަމެއް ދެއްވައި ގިނަ މަޝްރޫއުތަކެއް ހިންގަމުންދާ އަތޮޅެއް. މިއަތޮޅުގެ ރަށްތަކުގައި ހިންގުނު މަޝްރޫޢުތަކަށް 9 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކުރެވިފަ.

  • މިއީ މިހާތަނަށް އެއްވެސް ސަރުކާރަކުން މިއަތޮޅުގެ ޒުވާނުންނަށްޓަކައި ހޭދަކޮށްފައި ނުވާ މިންވަރެއްކަންވެސް ފާހަގަކޮށްލަން.

  • އެހެންކަމުން މިފުރުސަތުގައި މިއަތޮޅުގެ އެންމެހާ ޒުވާނުންވެސް ސަރުކާރާއި ގުޅިގެން ތަރައްގީ ޔަގީން ކުރުމަށް ގޮވާލަން. އަދި ފުރުސަތުގައި ޒުވާނުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ނުހަނު އިހުލާސްތެރިކަމާއިއެކު ޝުކުރު ދަންނަވަން.

  • އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިންވެސް ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ވަކިން ހާއްސަކޮށް ޒުވާނުންގެ އުންމީދުތަކަށް ދިރުން ގެނެސްދެއްވި ކަމަށްޓަކައި އަދުގެ ރައީސުލް ޖުމްހޫރިއްޔާއަށް ދިވެހި ޒުވާނުންގެ ނަމުގައި ނުހަނު އިހުލާސްތެރިކަމާއިއެކު ޝުކުރު ދަންނަވަން.

  • މިދާއިރާގެ އިއްޒަތްތެރި މެމްބަރަކީ ރައީސް ޔާމީންގެ މެނިފެސްޓޯ ތަންފީޒު ކުރުމުގައި ނުހަނު ބުރަކޮށް މަސައްކަތް ކުރައްވާ އަދި މިދާރާގެ ތަރައްގީ ޔަގީން ކޮށްދިނުމުގައި ރެއާއި ދުވާލު މަސައްކަތް ކުރަވަމުންދާ މެމްބަރެއްކަންވެސް ފާހަގަކޮށްލަން.

  • އިއްޒަތްތެރި މެމްބަރު ރިޒާއަކީ މިއަތޮޅަށް ތަރައްގީ ގެނެސްދިނުމުގައި ނަމޫނާ މެމްބަރެއް. މިފުރުސަތުގައި އެމަނިކުފާނު ކުރައްވާ ބުރަ މަސައްކަތްޕުޅަށްވެސް ނުހަނު އިހުލާސްތެރި ކަމާއިއެކު ޝުކުރު ދަންނަވަން.


އަޅުގަނޑުގެ ވާހަކަ ނިންމާލާނީ މިރަށާއި އަދި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށްވެސް ބާއްޖަވެރި ދުވަސްތަކަކަށް އެދެމުން. އެންމެހާ ބޭފުޅުނަށްވެސް ބާއްޖަވެރި އުފާވެރި ދުވަހަކަށް އެދެން.


 ولسّــلام عليــكم ورحـمــة اللّـه وبـركاتـه،