2017 ވަނަ އަހަރު 3 ވަނަ ސެންޓްރަލް ޒޯނު ސީނިއަރ މެންސް ވޮލީބޯލް ޗެންޕިއަންޝިޕް މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އަލްފާޟިލާ އިރުތިޝާމް އާދަމް ދެއްކެވި ވާހަކަފުޅު

21 މާރިޗު 2017

بســم اللّـه الرّحمـن الرّحيــم


ނިޢުމަތްތަކުގެ ވެރި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރުކުރަން. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ، މިއުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް. މި ޞަލަވާތުގައި އެކަލޭގެފާނުންގެ އިތުރުއާލުންނާއި، މިތުރު ޞަހާބީން ޝާމިލް ކުރަން.


ވޮލީ ބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް. އެސޯސިއޭޝަންގެ ހިންގުންތެރި ވެރިން. ސްޕޯޓްސް ކައުންސިލްގެ އިއްޒަތްތެރި މެމްބަރުން. ވޮލީ ފެމިލީގެ އެންމެހާ ބޭފުޅުން. ވަޑައިގެންތިއްބެވި އެންމެހާ ބޭފުޅުން.


السّــلام عليــكم ورحـمــة اللّـه وبـركاتـه،



  • އާދެ! މިއަދަކީ ދިވެހި ވޮލީބޯޅައިގެ ތާރީހުގައި ރަންއަކުރުން ލިޔެވިގެންދާނެ ދުވަހެއް. ރާއްޖޭގައި ރުފަތަމަ ފަހަރަށް ބައިނަލް އަގުވާމީ ފިރިހެން ވޮލީބޯޅަ މުބާރާތެއް ބޭއްވުމުގެ ޝަރަފް މިއަދު ލިބިގެންދާކަމީ ވޮލީބޯޅަ އާއިލާއަށާއި ރާއްޖޭގެ ރައްޔިތުންނަށް ލިބިގެންދާ ޝަރެފެއް. އަދި މިފަދަ އުފާވެރިކަމެއް ލިބުމުގެ ޝަރަފް ލިބިގެންދާކަމީ ނުހަނު އުފަލާއިއެކު އަޅުގަނޑު ފާހަގަކޮށްލާކަމެއް.

  • މިމުބާރާތުގެ ސަބަބުން ރާއްޖޭގައި ވޮލީގެ ފޯރި އިތުރަށް ގަދަވެ ބައިނަލް އަގުވާމީ ފެންވަރުގައި އިތުރު ހަރުފަތަކަށް ދިއުމަށް ހިއްވަރުލިބިގެންދޭ. މިމުބާރާތުގައި ދިވެހި ފިރިހެން ވޮލީޓީމުގެ ހިއްވަރުން ގައުމަށް ރީތިނަން ހޯދުމަށް އަޅުގަނޑު ތިޔަ ކުޅުންތެރިންނަށް ގޮވާލަން. އަދި މިއީ ރާއްޖޭގެ ފަސްގަނޑުގައި ކުޅެވޭ މުބާރާތަކަށްވުމުން ހުރިހާ ކުޅުންތެރިންވެސް އެއް އަޒުމެއްގައި ކާމިޔާބީ ހޯދުމަށް މަސައްކަތް ކުރުމަށް ގޮވާލަން.

  • އާދެ! ރާއްޖޭގައި ވޮލީއަކީ ފުޅާދާއިރާއެއްގައި ކުޅެވޭ ކުޅިވަރަށް ހެދުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް 60 އަށްވުރެ ގިނަ ވޮލީކޯޓު ވަނީ އެޅިފަ. އަދި މިހާރުވެސް އިތުރު ވޮލީކޯޓުތައް އެޅުމުގެ މަސައްކަތް ދަނީ ކުރެވެމުން.

  • ވޮލީއަކީ ކުރިމަގު އޮތް ކުޅިވަރެއްކަން ވޮލީގައި ހަރަކާތްތެރިވާ ޒުވާން މޫނުތަކަށް ބަލައިލުމުން ކަށަވަރުވޭ. އަތޮޅުތެރޭގައިވެސް މިއަދު މޮޅެތި ކުޅުންތެރިން ދަނީ އުފެދެމުން. އަޅުގަނޑުގެ އިޙުލާސްތެރި އިލްތިމާސަކީ ކޮންމެ ކުޅުންތެރިޔަކީވެސް ގައުމީ ޖާޒީގައި ގައުމަށް ރީތިނަން ހޯދާ ކުޅުންތެރިއަކަށް ވުމަށް ގަދަ އަޅާ މަސައްކަތް ކުރާށޭ.

  • އާދެ! މިއަދު އަޅުގަނޑުމެންނަށް މިފުރުސަތުތައް ތަނަވަސް ވެގެން މިދަނީ މިކަންކަން ތަނަވަސް ކޮށްދެއްވަން ސާބިތު ލީޑަރެއް އަޅުގަނޑުމެންގެ ފަހަތްޕުޅުގައި ހުންނެވުމުން. މިފުރުސަތުގައި ދިވެހި ކުޅިވަރަށް ގެނެސްދެއްވި އާރޯކަމާއި ކުރިއެރުމަށް ދިވެހި ޒުވާނުންގެ ޢިއްޒަތްތެރި ރައީސް، އަބްދުﷲ ޔާމީނަށް ނުހަނު އިޚުލާސްތެރިކަމާއިއެކު ޝުކުރު ދަންނަވަން.

  • އާދެ! އެމަނިކުފާނު ދިވެހި ކުޅިވަރަށް "ވޮލީއަށް" މިއަދު މިގެނެސްދެއްވާ ތަރައްގީއާއި، ކުރިއެރުމަކީ މިރޮގުން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް މިއަދު ލިބިގެންދާ އިތުރު ހިއްވަރެއް. މިފުރުސަތުގައި ވޮލީ އާއިލާގެ ނަމުގައި އެމަނިކުފާނަށް ނުހަނު އިހުލާސްތެރިކަމާއިއެކު ޝުކުރު ދަންނަވަން.

  • އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިންވެސް ކުރިއަށް މި އޮތް މެޗު ކާމިޔާބުކޮށް ގައުމަށް ރީތިނަން ހޯދުމަށް ތިޔަ އެންމެހާ ކުޅުންތެރިންނަށް ހިތްވަރު ދެމުން އަޅުގަނޑުގެ ވާހަކަ ނިންމާލަން


ولسّــلام عليــكم ورحـمــة اللّـه وبـركاتـه،