ސްޕޯޓްސް އެރީނާ ސޯސަންވިލާ ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތު މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމްގެ ވާހަކަފުޅު

28 އޭޕްރިލް 2017

بســم اللّـه الرّحمـن الرّحيــم


ނިޢުމަތްތަކުގެ ވެރި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރުކުރަން. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ، މިއުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް. މި ޞަލަވާތުގައި އެކަލޭގެފާނުންގެ އިތުރުއާލުންނާއި، މިތުރު ޞަހާބީން ޝާމިލް ކުރަން. މި ގައުމުގައި އަޅުގަނޑުމެންގެ ގައުމުގެ ސަފީރެއްގެ ގޮތުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންދާ އަލްފާޟިލާ ޒާހިޔާ ޒަރީރު. އެމްބަސީގެ އެންމެހާ ބޭފުޅުން. ލަންކާގައި ދިރިއުޅެމުންދާ ދިވެހި ލޮބުވެތި ރައްޔިތުން. ވަކިން ހާއްސަކޮށް އަޅުގަނޑުމެންގެ ޒުވާނުން. 


السّــلام عليــكم ورحـمــة اللّـه وبـركاتـه،



  • އާދެ! މިއަދަކީ ދިވެހި ޒުވާނުންނަށް އިތުރު އުފާވެރިކަން ލިބިގެންދާ ދުވަހެއް. ވަކިން ހާއްސަކޮށް ލަންކާގައި ތަފާތުއެކި ސަބަބުތަކައްޓަކައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭނެ ދުވަހެއް.

  • އަވަށްޓެރި ސްރީ ލަންކާއަކީ ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ދިރިއުޅެމުންދާ ގައުމަކަށްވުމުން މި ގައުމުގައި ދިރިއުޅޭ ފަރާތްތަކަށްވެސް އާންމު ދިވެހިންނަށް ލިބިދޭފަދަ ފުރުސަތުތައް ތަނަވަސް ކޮށް ދިނުމަކީ ރައީސުލް ޖުމްހޫރިއްޔާގެ އެންމެ ބޮޑު އެއް އަމާޒު.

  • އެގޮތުން ކުޅިވަރުކުޅެވޭނެ ވަސީލަތްތަކާއި ކަސްރަތު ކުރެވޭ އިންތިޒާމު ހަމަޖެއްސުމަކީ މި ގައުމުގައި ދިރިއުޅޭ ދިވެހިން އަބަދުވެސް ސަރުކާރުތަކުގައި އެދެމުންދިޔަ ކަންކަން. ނަމަވެސް މިކަމަށް އިޖާބަ ދެއްވައި އަމަލީ ގޮތުން މިފުރުސަތުތައް ތަނަވަސް ކޮށްދެއްވީ އަދުގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން. އެހެންކަމުން މިިފުރުސަތުގައި ރައީސް ޔާމީންއަށް ނުހަނު އިހުލާސްތެރި ކަމާއިއެކު ޝުކުރު ދަންނަވަން.

  • އާދެ! ސޯސަންވިލާގައި މިފަދަ ގިނަ ފުރުސަތުތަކެއް ދިވެހިރައްޔިތުންނަށް ލިބިގެން ގޮސްފައިވަނީ ރައީސް ޔާމީންގެ ޒައާމަތުގައި ކަމާއިމެދު ސުވާލު އުފައްދާނެ އެއްވެސް ރައްޔިތަކު ނުހުންނާނެ.

  • އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު މިތަނުގައި ނުދެއްކިހުރި ކަރަންޓާއި ފެނާއި އަދި ސެކިއުރިޓީ ބިލްތައް ދެއްކުމަށްފަހު ބޮޑު މަރާމާތުތަކެއްކޮށް ރައްޔިތުންނަށް ގިނަ ހިދުމަތްތަކެއް ލިބޭނެ އިންތިޒާމު ހަމަޖެއްސެވިކަމީ ފެންނަން އޮތް ހަގީގަތެއް.

  • އާދެ! މިއަދު ސޯސަންވިލާގައި މިހުޅުވޭ ފުޓްސަލް ދަނޑަކީ އެންމެ ޒަމާނީ ފެންވަރެއްގައި ޓާފްއެޅި ލައިޓް އަލީގައިވެސް ކުޅެވޭނެ އިންތިޒާމުތަކާއިއެކު ހުޅުވިގެންދާ ދަނޑެއް.

  • ދައުލަތުގެ ބަޖެޓުން 1.8 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށް އަޅާފައިވާ މިދަނޑަކީ އެއްވެސް ފީއެއް ނެގުމަކާއި ނުލައި ދިވެހި ކޮންމެ ރައްޔިތަކަށް ބޭނުންކުރެވޭ ގޮތަކަށް ހުޅުވާލެވިގެންދާނެ ދަނޑެއް.

  • މިއަދު މި ދަނޑު އަޅުގަނޑުމެން ހުޅުވާއިރު މި ދައުރުގައި އާދެ! 2015 ވަނަ އަހަރުގައި 1.3 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ވާނީ މިތާގައި ފުޓްސަލް ދަނޑެއް ގާއިމްކޮށްފަ. އެހެންކަމުން މިއީ ލަންކާ ދިރިއުޅޭ ދިވެހިންނަށް ހާއްސަކޮށްގެން ހުޅުވޭ މިފަދަ 2 ވަނަ ދަނޑުކަން އުފަލާއިއެކު ފާހަގަކޮށްލަން.

  • ފުޓްސަލް 2 ދަނޑާއިއެކީ މިތަނުގެ ހިދުމަތް ހޯދާ ދިވެހި ރައްޔިތުންގެ އަދަދު އިތުރުވެގެންދާނެކަމީ އަޅުގަނޑު ޝައްކު ކުރާ ކަމެއްނޫން. މިހާރުވެސް މިތަނުގައި 17 ފުޓްސަލް ޓީމާއި 4 ހޭންޑްބޯޅަ ޓީމު ރަޖިސްޓްރީ ކުރެވި ހިދުމަތް ހޯދަމުންދޭ.

  • ފުޓްސަލް ދަނޑުގެ އިތުރުން މިތަނަކީ ގިނަ ދިވެހިން ހިދުމަތް ލިބިގަންނަ ތަނަކަށްވުމުން ސަރުކާރުން ބޮޑު ހޭދައެއް ކޮށްގެން އިންޑޯ ކުޅިވަރުތައް ކުޅެވޭނެ "ކުޅިވަރު ހަރުގެއަކާއި" ޖިމް އަދި އަންހެން ކަނބަލުންނަށް ޒުންބާގެ ހަރަކާތްތައް ހިންގޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ. މިހުރިހާ ހިދުމަތްތަކަކީ ޔޫތު މިނިސްޓްރީގެ ބަޖެޓުން ޚަރަދުކޮށްގެން މިތަނުން ހިދުމަތް ހޯދާ ދިވެހިރައްޔިތުންގެ އަތުން އެއްވެސް ފީއެއް ނެގުމަކާއި ނުލައި ހިދުމަތް ފޯރުކޮށް ދެވެމުންދާ ތަންތަން ކަމުގައިވެސް ނުހަނު އުފަލާއިއެކު ފާހަގަކޮށްލަން.

  • މީގެ އިތުރުން މިގައުމުގައި އުޅޭ ދިވެހި ރައްޔިތުންނަކީވެސް ގައުމީ ތަފާތު އެކި މުނާސަބަތުތަކާއި އެނޫންވެސް ހަފްތާ ބަންދުތަކުގައިވެސް މިއުޒިކް ކުޅެ ހިންހަމަ ޖައްސާލަން ބޭނުންވާ ރައްޔިތުން އުޅޭ ތަނަކަށްވުމުން މިތަނުގައި ސައުންޑު ޕްރޫފްކޮށް މިއުޒިކް ކުޅެވޭނެ އިންތިޒާމުވެސް ހަމަޖެހިފައިވާކަން އުފަލާއިއެކު ފާހަގަކޮށްލަން.

  • ކުޅިވަރާއިއެކީ ތައުލީމު ހާސިލް ކުރެވޭ މަގު ފަހިކޮށް ދިނުމަކީވެސް ރައީސް ޔާމީންގެ ވަރަށްބޮޑު އަމާޒެއް. އެގޮތުން މިތަނުގައި ދިރިއުޅޭ ރައްޔިތުންނަށް އިސްލާމް، ޤުރުއާން، އަދި ދިވެހި ބަސް ކިޔަވައިދޭނެ އިންތިޒާމު ހަމަޖެހިގެން ގޮސްފައިވާކަމީ ސަރުކާރުން މިތަނުގައި ދިރިއުޅޭ ދިވެހިންނަށް ދެއްވާ ހާއްސަ އަހައްމިއްޔަތު ހާމަވެގެންދާކަމެއް. މީގެ އިތުރުން މިއަދު މި ތަނުން އެސް.އެސް.ސީ އިމްތިހާނު ހެދުމުގެ ފުރުސަތު ލިބިގެންދާކަމީވެސް ނުހަނު އުފާކުރަންޖެހޭ ކަމެއް. މިފަދަ ފަސޭހަ އަދި ބޭނުންތެރި ހިދުމަތްތަކެއް ފަހި ކޮށްދެއްވި ކަމަށްޓަކައި ސްރީލަންކާގައި ދިރިއުޅޭ އެންމެހާ ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވަން.

  • އާދެ! ގައުމުން ބޭރުގައި ދިރިއުޅުނު ކަމުގައިވީނަމަވެސް މިއަދު ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަކަށް އެ އިހުސާސު ނުކުރެވޭ ވަރަށް ކަންކަން މިދަނީ ހަމަޖެހެމުން.

  • ކޮންމެ ދުވަހަކަށް ވަކިވަކިން ބަލާލާނަމަ މިތަނުން ހިދުމަތް ހޯދާ ދިވެހިންގެ އަދަދު އުޅެނީ 400 ވުރެ މަތީގަ. އަހަރަކަށް ބަލާނަމަ މިތަނުން ހިދުމަތް ހޯދާ ދިވެހި ރައްޔިތުންގެ އަދަދު އުޅެނީ 1 ލައްކަ ސާޅިސް ހާހަށްވުރެ މަތީގަ. މިއީ އަޅުގަނޑު މިއަދު ނުހަނު އުފަލާއެކު ފާހަގަކޮށް މިކަމަށްޓަކައި އަދުގެ ރައީސުލް ޖުމްހޫރިއްޔާއަށް ނުހަނު އިހުލާސްތެރި ކަމާއިއެކު ޝުކުރު ދަންނަވަން ޖެހޭ ކަމެއް.

  • އާދެ! މިހާރު މިތަނުން ލިބެންހުރި ހިދުމަތްތައް ފުޅާކޮށް އިތުރު ހިދުމަތް ދިނުމަކީ ރައީސް ޔާމީން ނުހަނު ބޭނުންފުޅުވާކަމެއް. އެގޮތުން ހައުސިން މިނިސްޓްރީން މިތަނުގައި ޕާކެއްގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމީ ނުހަނު އުފަލާއިއެކު ފާހަގަކޮށްލަންޖެހޭ ކަމެއް.

  • މިކަމުންވެސް ހާމަވެގެން މިދަނީ އަދުގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް ދެއްވާ ހާއްސަ އަހައްމިއްޔަތާއި ބަހައްޓަވާ ގާތްކަން.

  • އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިންވެސް ދިވެހި ޒުވާނުންނަށް، ރާއްޖޭގެ މުސްތަގުބަލަށް ރައީސުލް ޖުމްހޫރިއްޔާ ގެނެސްދެއްވާ ތަރައްގީއަށްޓަކައި ނުހަނު އިހުލާސްތެރިކަމާއިއެކު ޝުކުރު ދަންނަވަން. އަދި ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް މިވީ ކުރު މުއްދަތުގެ ތެރޭގައި ގެނެސްދެއްވި އިންގިލާބީ ހެޔޮ ބަދަލުތަކަށްޓަކައި އެމަނިކުފާނަށް ކުޅިވަރުގެ އައިލާގެ ނަމުގައާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ނުހަނު އިހުލާސްތެރިކަމާއިއެކު ޝުކުރު ދަންނަވަން. ރާއްޖޭގެ ތަރައްގީއަށް ރާއްޖޭގެ ކުރިއެރުމަށް މިއަދު ގެނެސްދެވޭ ބަދަލުތަކަކީ ދިވެހި ޒުވާނުންގެ މުސްތަގުބަލަށްޓަކައި، ޒުވާނުންގެ އުންމީދުތަކަށްޓަކައި ގެނުވޭ ބަދަލުތަކެއް.

  • އަޅުގަނޑުގެ ނިންމާލުމުގެ ކުރިން ލަންކާގައި ހުންނަވާ އަޅުގަނޑުގެ ސަފީރު އަލްފާޟިލާ ޒާހިޔާ ކުރައްވާ މިންނެތް އަދި އިހުލާސްތެރި މަސައްކަތްޕުޅަށް ނުހަނު އިހުލާސްތެރިކަމާއިއެކު ޝުކުރު ދަންނަވަން. އަދި މި މަސައްކަތުގައި އެކަމަނާއަށް އެހީތެރިކަން ދެއްވާ އެންމެހާ ސްޓާފުންނާއި، ލަންކާގައި ދިރިއުޅުއްވާ އެންމެހާ ދިވެހިންގެ ފަރާތުން ލިބިލައްވާ އެހީތެރިކަމަށްޓަކައި އެންމެހާ ދިވެހި ރައްޔިތުންނަށްވެސް ޝުކުރު ދަންނަވަން.



  • އެންމެހާ ބޭފުޅުންނަށްވެސް ވަރަށް އުފާވެރި ބާއްޖަވެރި ދުވަހަކަށް އެދެން.


ولسّــلام عليــكم ورحـمــة اللّـه وبـركاتـه،